ރ އަދި ބ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ މާލެ ވަޑައިގެންފިއެވެ.

Ads by Asuru

ރައީސްގެ މި ދަތުރުފުޅުގައި މި ދެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އަތޮޅުގެ ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވައި އަދި ދެ އަތޮޅުގެ އަތޮޅު ކައުންސިލާވެސް ބައްދަލުކުރެއްވިއެވެ.

އަދި މި ބައްދަލުކުރެއްވުންތަކުގައި އެމަނިކުފާނު ވަނީ އެ ރަށްތަކާއި އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން މިހާރު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާއިމެދުވެސް އެމަނިކުފާނު މަޝްވަރާކުރެއްވިއެވެ.

ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އަމާޒަކީ މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުންކަމުގައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.