ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ދާއިމީ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

”ހުޅުމާލެ ފޭސް 2 ގައި އަމިއްލަ ފަރާތަކުން ބިނާކުރި ދާއިމީ މިސްކިތް އަންނަ ހުކުރު ދުވަހު އިންޝާ ﷲ ހުޅުވިގެންދާނެ. މިއީ 1500 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭވަރުގެ ބޮޑު މިސްކިތެއް. ރޯދަ މަހަށް ފޭސް 2 ގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ.“ މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މި މިސްކިތުގެ އިތުރުން ފޭސް ދޭއްގައި 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި، 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި، 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެއްގެ ޢަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވާފައިވަނީ 2021 ވަނަ އަހަރުއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި އަތޮޅުތެރޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް އިސްލާމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.