ސްކޫލުތަކުގެ ކްލާސްރޫމްތައް އޭސީކުރަން މަގުފަހިވާގޮތަށް އަންނަ އަހަރުން ފެށިގެން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކެއް ސްކޫލުތަކުގައި ފެށުމަށް ގަސްދުކުރައްވާކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރޭ ދ.މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސްކޫލުތަކުގެ ކްލާސްރޫމުތައް އޭސީ ކުރުމަކީ ކިޔަވާކުދިންނާ ޓީޗަރުންނާ އަދި ސްކޫލުތަކުންވެސް ވަރަށް ބޮޑަށް އެދެމުން އަންނަ ކަމެއްކަމަށެވެ.
ހަމައެހެންމެ، އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުފުޅުގައި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެދޭ އެއްކަމަކީ ހޭންޑް ބޯލް ކޯޓުތައް ގާއިމުކުރުންކަން ފާހަގަކުރައްވައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ވީހާވެސް ގިނަ ރަށެއްގައި ހޭންޑް ބޯލް ކޯޓުތައް ގާއިމު ކޮށްދެއްވާނެކަމުގައެވެ.
ރައީސްގެ ވާހަކަފުޅުގައި މީދޫއާ ވަކިން ހިއްކާފައިވާ ސަރަޙައްދު އެރަށާ ގުޅުވާލުމާއި އެސަރަޙައްދުގައި ފެނާއި ނަރުދަމާ އަދި ކަރަންޓު އަދި މަގުހެދުން ފަދަ އަސާސީ ހިދުމަތްތައް ގާއިމުކޮށްދެވާނެކަމުގައި ވިދާޅުވިއެވެ. އަދި އެސަރަޙައްދުގެ މަގުތައް ހަދާނީ ރަށުގެ މަގުތަކާވެސް އެކުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މުޅި ރާއްޖޭގައި ހައުސިންގ މަޝްރޫޢު ކުރިޔަށްގެންދާއިރު މީދޫގައި މަދުވެގެން 200 ހައުސިންގ ޔުނިޓް ގާއިމުކޮށްދެއްވާނެކަމަށާއި އެރަށުގެ ބަނދަރު އިތުރަށް ބޮޑުކޮށް ފުޅާކޮށް ރައްޔިތުން އެދޭބަދަލުތަކާއެކު ތަރައްގީ ކުރުމާއި އެނޫންވެސް ރަށުގެ ތަރައްގީއަށް ކުރަންހުރި ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.