ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ފްލެޓު ގަނެ، ލަނޑު ލިބުނު މީހުންގެ ތެރެއިން 203 މީހަކަަށް ހިޔާ މަޝްރޫއުއިން ފުލެޓް ހަމަޖެއްސުމަށް ސަރުކާރުން ނިންމައިފިއެވެ.

Ads by Asuru

މިރޭ ވ.ފެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ ސީލައިފްގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ލަފަޔާއި އިރުޝާދާއެކު ސީލައިފުން ލަނޑު ދިން 203 މީހުންނަށް ހައްލު ހޯދައިދިނުމަށް އެކޯޕަރޭޝަންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު، ފަޒުލް ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިޔާ މަޝްރޫއުގައި ބާކީވި 60 ޔުނިޓް ހުރިއިރު، ވޭތުވެ ދިޔަ ދުވަސްތަކުގައި އެފުލެޓްތައް ސީލައިފުން ލަނޑު ލިބުނު މީހުންނަށް ނުދިނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.

”ރައީސްގެ އިރުޝާދާ އެކު ހިޔާ ފުލެޓުން ޖާގަ އަޅުގަނޑުމެންނަށް އެ ފަރާތްތަކަށް ދީފީމު، އެމީހުންނަށް ގެދޮރުވެރިކަން ފަހިކޮށްދީފީމު، ރައީސްގެ ހާއްސަ އިރުޝާދާއެކު މި ދެންނެވި 203 މީހުންނަށް މި ހައްލު ހޯދުމަށް ނިންމާފައިވާކަން، އަދި އޭގެ ބައެއް މީހުންނާއި ހަމަޔަށް މިއަދު އިރާދަކުރެއްވިއްޔާ އެ ލިޔެކިޔުންތައް ރޯދަ ހަދިޔާގެ ގޮތުގައި ގޮސްފައިވާކަން މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުންވޭ،“ ފަޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން ފަޒުލް ވިދާޅުވީ ސީލައިފު މަޝްރޫއު ހުއްޓުމުން 375 މީހުންނަަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދޫކޮށްފައި ހުރި ކަމަށާއި، އެއީ ފުލެޓް ހައްގުވާ ފަރާތްތަކަށް ރިފަންޑް ކުރުމަށް ދޫކުރި ފައިސާ ކަމަށެވެ.