ވ.ފެލިދޫގެ ބިން ހިއްކުމުގެ މަޝްރޫއު މި އަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ފެލިދޫގެ ލޭންޑުޔޫސް ޕްލޭންގައި ކަނޑައަޅާފައި އޮތް މިންވަރަށް ބިންހިއްކުމަށް ރޭވިފައިވާކަމަށާއި އަދި އަމާޒަކީ މިއަހަރުގެ ތެރޭގައި މި މަޝްރޫޢު ފަށައި، ކުރިޔަށްގެންގޮސް ވީ އެންމެ އަވަހަކަށް ނިންމައިލުން ކަމުގައެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ވެސް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި އަތްފޯރާ ފަށުގައި ހައުސިން ލޯނު ސްކީމުތައް ވެސް ތައާރުފު ކުރާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރުކުރެއްވިއެވެ.

ފެލިދޫގެ ތަރައްގީއަށް ރޭވިފައިވާ ކަންކަމުގެ ތެރެއިން، އެރަށު ސްކޫލުގައި އިމާރާތްކުރުމަށް ނިންމާފައިވާ ކްލާސްރޫމްތަކާއި މަލްޓިޕަރޕަސް ހޯލް ބިނާކުރާނީ ބިމުން ބޮޑު ޖާގައެއް ނުގެއްލޭނެހެން، ހަތަރު ފަންގިފިލާގެ އިމާރާތެއްގެ ގޮތަށްކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ އިޢުލާނުކުރައްވާފައެވެ.

މީގެ އިތުރުން ހޮސްޕިޓަލުގެ ފެންވަރު މަތިކޮށްދީ، ކުޅިވަރު ކުޅުމަށްޓަކައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ރައްޔިތުން އެދޭ ގޮތަށް ހައްދަވައިދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.