މާލެ ސަރަހައްދުގައި އަޅާ ހައުސިން ޔުނިޓުތަކުން އަތޮޅުތެރޭގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މުއިއްޒު މިހެން ވިދާޅުވެފައި ވަނީ، މާލެ ސަރަހައްދުގައި އަޅާ ހައުސިން ޔުނިޓުތައް އަތޮޅުތެރޭގެ ރައްޔިތުންނަށް ލިބޭނެތޯ ދ.މީދޫގެ ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، އެތައް ސަރުކާރެއް ނިމުނުއިރު ވެސް މާލޭގެ ރައްޔިތުންނަށް ގެދޮރު ޔަގީންކޮށް ނުދެވުނު ކަމަށާއި، އެހެންކަމުން މާލެ ސަރަހައްދުގައި ހިންގާ ހައުސިން މަޝްރޫއުތަކުން އެންމެ ފުރަތަމަ އިސްކަން ދޭނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ކަމަށެވެ.

”އެއާއެކީގައި، އެއަށްވުރެ ގިނައިން، ގެދޮރުވެރިކަން މި ގާއިމު ކުރަނީ މި ސަރަހައްދުގައި، އެހެންވީމަ، މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ފޯރުކޮށްދިނުމަށްފަހު، މާލެއާއި މާލެ ކައިރި، އަދި މުޅި ރާއްޖޭގެ ސަރަހައްދުތަކުން ވެސް، މި ސަރަހައްދުން ގެދޮރުވެރިކަން ބޭނުންވާ ފަރާތްތަކަށް ގެދޮރުވެރިކަން ލިބޭ ވަރަށް މަޝްރޫއު މި ހިންގަނީ.“ ރައީީސް މުއިއްޒު ވިދާޅުވިއެވެ.

ރައީީސް އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދުގެ އިތުރުން ވެސް، ރާއްޖޭގެ އެކި ހިސާބުތަކުގައި ހައުސިން މަޝްރޫއުތައް ހިންގާނެ ކަމަށާއި، މި ދައުރު ނިމިގެންދާއިރު، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ދާއިމީ ގެދޮރުވެރިކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށެވެ.