ޅ.ޅޮއްސަލަފުއްޓަކީ ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޅ.އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، ކުރެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރެންދޫ އަކީ އާބާދީ ބޮޑު ރަށަކަށް ވީއިރު، ރަށުގެ ބިން ހުސްވެ، ތަރައްގީ ގެނައުމަށް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އަދި ފަޅު ތެރެއިން، ރަށަށް ބޭނުންވާވަރުގެ ޖާގަ އިތުރު ކުރެވެން ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު އެ ރަށުގައި ކުރިއަށްދާ 50 ހައުސިން ޔުނިޓުގެ މަޝްރޫއުއިންނާއި، އިތުރަށް ބިން ހިއްކައިގެން ވެސް ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަން ހައްލު ނުވާނެތީ ޅޮއްސަޅަފުއްޓަކީ އެ ރަށުގެ ބަޔަކަށް ހައްދަވަން މަސައްކަތް ކުރައްވާނެކަން ރައީސް ހާމަކުރެއްވިއެވެ.

”އެހެންވީމަ، އަޅުގަނޑު ގަސްތު ކުރަނީ މި ރަށުގެ ކުރިމަގަށްޓަކާ، ދާއިމީ ތަރައްގީއަށްޓަކާ، މިތާ މާދުރު ނޫން ހިސާބެއްގައި އޮތް ޅޮއްސަލަފުއްޓަކީ މި ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް.“ ރައީސް ވިދާޅުވިއެވެ.

ނަމަވެސް މިކަމަށްޓަކައި ބައެއް މަސައްކަތްތައް ކުރަން ޖެހޭކަން ފާހަގަކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ، ބައެއް އެއްބަސްވުންތަކުން ޭއެ ރަށް ވަކި ކުރަންޖެހޭ ކަމަށެވެ. އެގޮތުން އެކަން ކުރާނީ ދައުލަތަށް ވެސް އޭގެ ގެއްލުން ކުޑަވާނެ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރެންދޫގެ ސްކޫލަށް 40 އަހަރު ވެފައިވާއިރު، އެ ތަން ހުރީ އެންމެ އެކަށީގެންވާ ހާލަތުގައި ނޫން ކަމަށާއި، ސްކޫލްގެ ޖާގަ އަށް 12 ކްލާސް ރޫމް އިތުރު ކުރުމުގެ މަޝްރޫއުއެއް ބަޖެޓު ކުރެވިފައިވާއިރު، މަގު ހެދުމުގެ މަޝްރޫއު ވެސް ބަޖެޓު ކުރެވިފައިވާ ކަމަށެވެ.