ބަރަކާތްތެރި ރަމަޟާން މަސް ބައްދަލު ކުރަން ކައިރިވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ހާއްސަ މެސެޖެއް ދެއްވައިފިއެވެ.

Ads by Asuru

ޅ.ނައިފަރުގައި އިއްޔެ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ މި ފެށޭ ރަމަޟާން މަހަކީ މާތް އަހްލާގާ ރިވެތި އާދަތައް އަށަގެންނެވުމަށް ރަނުގެ ފުރުސަތެއްގެ ގޮތުގައި ބޭނުން ހިފުމަށް އިލްތިމާސްކުރައްވައިފައެވެ.

ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެކަކު އަނެކަކަށް އަޅައިލާ އޯގާތެރި މުޖުތަމަޢަކަށް މިދިވެހި މުޖުތަމައު ހެދުމަށް މި ރަމަޟާންމަހު ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

އަދި މި ރަމަޟާން މަހަކީ ތަގުވާވެރިކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ، މި ބަރަކާތްތެރި މައްސަރުގައި ދޮގު ހެދުން ފަދަ ނޭދެވޭ އާދަތަކާ ދުރުހެލިވެ، ހަޤީޤަތާ އެއްގޮތަށް ރީތިބަހުރުވައިން ވާހަކަ ދެއްކުމަށް އާދަހިފަން މަސައްކަތްކުރުމަށާ، ކުޑަކުދިންނާ ޒުވާނުންނާ ބޮޑެތި މީހުންނަށް އިހްތިރާމު އަދާކުރުމަށް ބާރުއަޅައި، ރިވެތި އުޅުމާ ސުލޫކުގެ މަތީ ދެމިތިބެން އެންމެން އެކުގައި މަސައްކަތްކުރުމަށްވެސް ރައީސް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.

އަދި ވާދަވެރިކަމުގެ ތެރޭގައި ވެސް ދޮގަށް ފުރުސަތުނުދީ އެކަކު އަނެކަކަމަށް ހެޔޮގޮތުގައި މުޢާމަލާތުކުރުން އިސްކުރުމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އެދިވަޑައިގެންފައެވެ.