އެންމެންގެ މެދުގައި ގުޅުން ބަދަހިކޮށް، އިސްލާމީ ރިވެތި އާދަތަކުގައި ހިފަހައްޓައި، އެފަދައިން އަމަލުތައް ބައްޓަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

Ads by Asuru

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި ރަމަޟާން މަހަކީ، ހުރިހައި ގޮތަކުން ވެސް ހެޔޮކަމުގެ މައްސަރުކަމުގައި ފާހަގަކުރައްވައި، އެކަކު އަނެކަކަށް ހެޔޮ ފޯރުވުމުގެ އާދަ އިތުރަށް ހަރުދަނާކުރުމަށް ބާރުއެޅުއްވިއެވެ.

އަދި އެމަނިކުފާނު ވަނީ ހެޔޮ ފޯރުވުމުގައި ނަމޫނާ ދެއްކުމުގެ ގޮތުން ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން މަސްވެރީން ކިރުވި މަހަށް ފައިސާ ނުލިބުމުގެ މައްސަލަ ރޯދައަށް ހައްލުކޮށްދެވުމާއި، ކުއްލި ޙާލަތުގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގައި ދިމާވާ ދަތިތައް ރޯދައިގެ ކުރިން ޙައްލުކޮށްދެވުމާއި، ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ފަރާތުން ހަދިޔާއެއް ދިނުމާއި، ރަމަޟާން މަހުގެ ފަހު ދިހައެއް އަޅުކަމަށް ޚާއްޞަކުރެވި، އޮފީސްތައް ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސަވާފައިވާކަން ފާހަގަކުރެއްވިއެވެ.

މިއަދުގެ ހިތާބުގައި ރައީސް ވަނީ، އިސްލާމީ އުންމަތަކީ އެއް ހަށިގަނޑެއް ފަދަ ބަދަހި އުންމަތެއްގެ ގޮތުގައި ސިފަކުރައްވާ މުޅި އުންމަތަށް ހެޔޮދުޢާ ކޮށްދެއްވުމަށް ބާރުއަޅުއްވާފައެވެ.

އަދި ހާއްސަކޮށް ފަލަސްތީނުގެ އަހުލުވެރީން ކުރަމުންދާ ޖިހާދަށް ނަސްރުދެއްވައި، އަނިޔާވެރީންގެ ކެހިވެރިކަމުން މިންޖުކުރެއްވުމަށް އެމަނިކުފާނު ދުއާކުރެއްވިއެވެ.

ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރައްވާފައެވެ.