އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް އެކޮމިޝަންގެ މެންބަރު އަލީ ނަޝާތު އައްޔަނު ކޮށްފިއެވެ.

Ads by Asuru

އީސީން ބުނީ މިއަދު ބޭއްވި އެ ކޮމިޝަންގެ އާންމު ޖަލްސާއިން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އއ. ފެރިދޫ ހާލި އަލީ ނަޝާތު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

އީސީގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވައި ދެ ދައުރު ފުރިހަމަ ކުރެއްވި އިސްމާއިލް ހަބީބުގެ ދައުރު ހަމަވެ މެންބަރުކަމުން ވަކިވެވަޑައިގަތުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ ހަތް ވަނަ މާއްދާގައި ބުނެފައިވަނީ ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސަކު އައްޔަންކުރާނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ މެންބަރުން ކަމަށެވެ.

މިގޮތުން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސަކަށް އައްޔަންކުރާ ބަޔަކު އެމަޤާމަށް އައްޔަންކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކޮމިޝަނުން އަންގަންވާނެ ކަމަށެވެ.