ޕެންޝަން ސްކީމް ވަރުގަދަކޮށް، އޭގެ ފައިދާ ރައްޔިތުންނަށް ވާނެ ގޮތް ހަމަޖައްސަވަން ބޭނުންފުޅުވެލައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ ”ރައީީސްގެ ޖަވާބު“ ސިލްސިލާގެ މިއަދުގެ ސެގްމެންޓުގައި، ވަޒީފާ އިން ވަކިވުމަށް ފަހުގައި، ޕެންޝަން ފައިސާ އިން ބޭނުން ކުރެވޭނެ ގޮތް ހަމަޖެހިގެން ދާނެ ގޮތް ވެދާނެތޯ، މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޕެންޝަނަކީ ވަކި ގާނޫނެއްގެ ދަށުން ދެވޭ އެއްޗަކަށްވާއިރު، އެއާ ގުޅޭ ކަންކަމަށް ބަދަލު ގެނެވޭނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ގާނޫނަށް ބަދަލު ގެނެސްގެން ކަމަށެވެ.

”އަޅުގަނޑު ބޭނުން، ޕެންޝަން ސްކީމް ވަރުގަދަ ކުރަން ވެސް، އޭގެން ފައިދާ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތުގައި ވާނެ ގޮތް ހަދަން.“ އެމަނިކުފާނު ވިދާޅުވިއެވެ.

ޕެންޝަނާ ގުޅޭ ކަންކަމަށް ރައްޔިތުން އެދޭ ބަދަލުތައް ގެނެވޭނީ، އެފަދަ އިސްލާހުތައް މަޖިލީހަށް ހުށަހަޅަން ފުރުސަތު ލިބިގެންކަން ފާހަގަކުރައްވައި ރައީީސް ވިދާޅުވީ، އެކަން ކުރެވޭނީ ވެސް މަޖިލިސް ތެރެއިން ކަމުގައެވެ.

ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ ގޮތް ވާންޖެހޭނެކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ، އެކަމަށް ހައްލު ގެންނަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.