މާލޭގެ ހަތަރު މިސްކިތެއްގައި ޒުވާން ހަތީބުން މިއަދު ހުކުރު ކޮށްފިއެވެ.

Ads by Asuru

އެގޮތުން ތައިބާ މިސްކިތުގައި ސުލައިމް މުހައްމަދު ލަތީފް ހުކުރު ކުރިއިރު، އީދު މިސްކިތުގައި ހުކުރު ކޮށްފައި ވަނީ އަބްދުލްމަތީން މުހައްމަދެވެ.

އަދި މާލޭގެ ހުކުރު މިސްކިތުގައި އިމާމުވެ ނަމާދު ކޮށްފައި ވަނީ، ނައުފަން ނިޔާފެވެ. ހުޅުމާލޭގެ މަސްޖިދުލް އަމާނީގައި ހުކުރު ނަމާދު ކޮށްފައި ވަނީ ހުސައިން ޒައިން އަލީއެވެ.

މާލޭގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް މިއަދު އިމާމުވެ ހުކުރު ނަމާދު ކޮށްފައި ވަނީ ޒުވާން ހަތީބުންނެވެ.

ރާއްޖޭގައި އިމާމުން ލިބުން މަދުވުމާ ގުޅިގެން ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ހުކުރު ނަމާދުކޮށް ޚުތުބާ ކިޔުމަށް ޝައުގުވެެރިވާ ކުދިންނަށް ހާއްސަ ޕްރޮގްރާމްގެ އެންމެ ފުރަތަމަ ބުރު ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހު، ގއ. ގެމަނަފުށީގައެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ދެކުނުގެ ރަށްރަށުން 77 އިމާމުން ބައިވެރިވިއެވެ.

އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީން ފޯރުކޮށްދީ މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޒުވާން ހަތީބުން އުއްފެދުމުގެ މަގްސަދުގައި ފެށީ ޕްރޮގްރާމް ނިންމާ އެ ޒުވާނުން މި ރޯދަމަހު ހުތުބާ ކިޔާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރިން ވިދާޅުވެފައިވެއެވެ.

ޒުވާން ހަތީބުން ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 160 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.