މާތް ﷲ ގެ ހެޔޮ ރަޙްމަތުން ދިވެހީންގެ ކަނޑުގެ ބޮޑު ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން މިއަދު ލިބިގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި އަލަށް ވައިގެ ހިދުމަތާއި އަސްކަރީ ޑްރޯންގެ ހިދުމަތް ތައާރަފު ކުރުމަށް މިރޭ ނ.މާފަރު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

”އެންމެންގެ ބުރަ މަސައްކަތުން މި ބޮޑު ގައުމީ މި ބޮޑު ސަރަޙައްދު ބެލެހެއްޓުމުގެ ގާބިލުކަން މިއަދު އަޅުގަނޑުމެންނަށް ލިބިއްޖެ“ ރައީީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން އަމިއްލަ ބާރުވެރިކަން ހޯދުމަކީ ބަޔަކު ކަމްބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށާއި، ރާއްޖެ އަކީ ބައެއްގެ ހަތުރުން ނޫން ކަމުގައެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އަމިއްލަ ބާރުވެރިކަމާއި އަމިއްލަ ވަންތަކަމާއެކީ ގައުމުގެ ދިފާއުކުރުމުގެ ބާރު ލިބިފައިވާ ބައެއްކަމަށެެވެ.

އަދި ރާއްޖެއަކީ ވަރަށް ކުޑަގައުމެއް ކަމުގައި އަމިއްލައަށް ގަބޫލުކުރަމުން އައި އައުން ބަދަލުކުރަން ޖެހޭކަމަށާއި ރާއްޖެއަކީ ބޮޑު ގައުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގައުމުގެ ބޮޑު ސަރަހައްދެއް އަމިއްލަ ބާރުވެރިކަން ނެތިގެން ނުބެލެހެއްޓި އޮތް އޮތުމާއި މެދު ކަންބޮޑުވުން މިއަދު ނިމުމަކަށް އައިސްފައިވާކަމަށެވެ.