ދިވެހިރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ޝުކުރު އަދާކުރައްވައިފިއެވެ.

Ads by Asuru

ތުރުކީވިލާތުގެ ރައީސަށް ރައީސް ޝުކުރު އަދާކުރެއްވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫ.އޭ.ވީ މެދުވެރިކޮށް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފެށިގެންދިއުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މިކަމުގައި އެންމެ ބޮޑު އެއްބާރުލެއްވުމެއް ދެއްވީ ތުރުކީވިލާތުގެ ރައީސްކަމުގައެވެ.

ރައީސް ވިދާޅުވީ މިހާރު ތިން ޔޫ.އޭ.ވީ އޮތް ނަމަވެސް ތުރުކީއާ ރާއްޖެއާ އޮތް ގާތްކަމުގެ ތެރެއިން މުސްތަގުބަލުގައި އުޅަނދުތައް އިތުރުކުރެވިގެންދާނެކަމަށެވެ.

އަދި މީގެ ތެރެއިން ގިނަ އާލާތްތަކަކީ މި ގާތްކަމުގެ ތެރެއިން ރާއްޖެއަށް ހިލޭ ހަދިޔާކުރައްވާފައިވާ ތަކެތި ކަމުގައި ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ކޯސްޓުގާޑަށް އެކި ސައިޒުތަކުގެ އުޅަނދުތައް ހޯދައި ކޯސްޓުގާޑުގެ ގާބިލުކަން މިހާރަށްވުރެ ދެގުނަ ބޮޑުކުރުމަށް ކުރެވޭ މަސައްކަތާއި އަދި ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ކަންކަންކުރުމަށްޓަކައި ތުރުކީވިލާތުގެ އިތުރުން އެކުވެރި ބައެއް ގައުމުތަކާއެކު މުއާމަލާތްތައް ކުރެވެމުންދާކަން ވެސް ރައީސްގެ ވާހަކަފުޅުފައި ފާހަގަކުރެއްވިއެވެ.