ހަނގުރާމަތައްކޮށްގެން ގައުމުތައް ފަތަހަ ކުރުމުގެ ބަދަލުގައި، މިހާރު ކުރާ ކަމަކީ އެއް ގައުމުން އަނެއް ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ނުފޫޒު ފޯރުވުން ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިހެން ވިދާޅުވީ ދިވެހި ވައިގެ ސިފައިންގެ ހިދުމަތާއި އަސްކަރީ ޑްރޯން އިފްތިތާހު ކުރުމަށް ރޭ ނ.މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ޣައްސާން ދެއްކެވި ވާހަކައިގައި، ވައިގެ ސިފައިންގެ ހިދުމަތާއިއެކުގައި، ޑްރޯންގެ ހިދުމަތް ތައާރަފު ކުރެއްވުމާއިއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެ ގާއިމު ކުރެއްވީ ސިފައިންނަށް ރައްކާތެރިކަމާއިއެކު ތިބެގެން ހިދުމަތް ދެވޭނެ ނިޒާމެއް ކަމަށް ވިދާޅުވިއެވެ.

”މިއީ ދުނިޔޭގައި މިހާރު ކުރިއަރާފައި ތިބި ގައުމުތަކުގައި ބޭނުންކުރާ ސޮފިސްޓިކޭޓެޑް ޓެކްނޮލޮޖީ ޕްލެޓްފޯމެއް. ހަމަ އޭގެ އިތުރުން ސަވެއިލަންސާއި ސާޗް އެންޑް ރެސްކިޔުއަށް ފޯކަސް ކުރާ އިރެއްގަ ވެސް ދިމާވާ ހާލަތަކުން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއު ކުރަން ޑިފެންސިވް މެނޫވާސް ނެގޭނެ، އަލިފާނުގެ ބާރު ހުރި ހަތިޔާރެއް“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޣައްސާން ވިދާޅުވީ، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާ، އެކި ފަހަރު މަތިން ތޮޅެން، އެކި ފަރާތްތަކުން މަސައްކަތް ކޮށްފައި އެބަހުރި ކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ދިވެހީން އެ ގެއްލުނު މިނިވަންކަން އަލުން ހޯދި ކަމަށް ވެސް ވިދާޅުވިއެވެ.

”މިނިވަންކަން ގެއްލި ގޮސްފައިވެސް އެބަހުރި. އެހެންނަމަވެސް ﷲގެ ހެޔޮ ރަހްމަތްފުޅާއި، ގަދަފަދަ ނަސްރާއިއެކީ ތެދުވި ދިވެހި ދަރީން، އެ މިނިވަންކަން އަބަދުވެސް ވަނީ އަނބުރާ ހޯދާފައި.“ މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ.

ޣައްސާން އިތުރަށް ވިދާޅުވީ މީގެ އެތައް 100 އަހަރެއް ކުރިންނާއި، 35 އަހަރާއި ހަތަރު މަސް ދުވަސް ކުރިން މި ދިވެހި ފަސްގަނޑުގެ ހައްގުގައި، ކެރޭ ދިވެހި ދަރިން އަމިއްލަ ލެޔާއި ފުރާނަ ގުރުބާން ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހަށިފޮޅާލައި ތެދުވުމަކީ ދިވެހީންގެ ވެސް ހައްގެއް ކަމަށް ވަރަށް ފާޅުގައި ވިދާޅުވެ، ކެރިގެން ކުރައްވާ ބުރަ މަސައްކަތުން ހަލުވި ކަމާއިއެކުގައި ދިވެހި ލަޝްކަރު އަލުން އަތުރާލައްވައި، ރައީސް މުއިއްޒު ހޯއްދެވި ކުރިއެރުމަކީ ހަތުރުންނާއި މިތުރުން ހައިރާން ކުރުވި ކަމެއް ކަމަށެވެ. މިއީ ރައްޔިތުންގެ ހިތްތަކުގައި ރައީސްއާ މެދު އުފެދުނު އިތުރު ޔަގީންކަމެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

”ތުއްތު ކުދިންގެ ހިތްތަކުގައި، ހުއްބުލްވަތަންގެ ދަންމަރު އަލުން ދިއްލާލި ކަމެއް.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުން ގާއިމުކުރެވުނު ނިޒާމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ގައުމުގެ މިނިވަންކަން ދިފާޢުކުރުމަށް މީގެފަހުން މަސައްކަތްކުރާނީ ސީދާ ރާއްޖޭގެ ދިފާއީ ބާރުން ކަމަށެވެ.