ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ގޮތުން، އެއްގަމާއި ކަނޑާއި ވައިގެ މަގުން ގައުމު ދިފާއު ކުރުމަށް އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ސިފައިންގެ ހިދުމަތަށް ތައާރަފުކޮށްދެއްވުމަކީ ތާރީހީ ކަމެކެވެ.

Ads by Asuru
މިއީ ދިވެހީންގެ ކަނޑުގެ ސަރަހައްދު ދިވެހިން އަމިއްލައަށް 24 ގަޑިއިރު ބަލަހައްޓައި، ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވައިދެއްވުމުގެ އަމަލީ މަސައްކަތުގެ ފުރިހަމަ ފެށުމެކެވެ.
ސަރުކާރާމެދު މާ ކުރިންސުރެ ނުރުހޭތީ، ބަޔަކު މި މުހިންމު ގައުމީ މަސައްކަތަށް ފާޑުކިޔައި، މަލާމާތްކޮށް  ބަދު ބަސްތަކެއް ރައްދު ކުރަމުން ދިޔަ ނަމަވެސް، މިއީ އާދައިގެ ކުޑަ ކަމެއް ނޫނެވެ.
ރާއްޖޭގެ 99.7 އިންސައްތަ އަކީ ކަނޑެވެ. ދިވެހީންގެ މި ނުވަލައްކަ އަކަ ކިލޯމީޓަރުގެ ބޮޑު ކަނޑުގެ ސަރަހައްދު ބަލަހައްޓާނެ އެއްވެސް ވަސީލަތެއް ކުރީގެ ސަރުކާރުތަކުން ހޯދާފައެއް ނުވެއެވެ. މާ ބޮޑު، ބުރަ ކަމަކަށް ވާނެއޭ ހިތައި، އެކަން ކުރަން ނޫޅެ، އޮތީ ދޫކޮށްލާފައެވެ.
އެ ވިސްނުން ދޫކޮށް، ދިވެހީންނަށް ވާނެކަމަށް ދެކި، ހުއްޓުމެއް ނެތި 24 ގަޑިއިރު ކަނޑު ބަލަހައްޓަން ފެށުމުން، ގެނައި އުޅަނދުގެ އަދަދު މަދޭ، ފައިޓަރ ޖެޓެއް ނެތޭ އެއާ ފޯސްއަކަށް ނުވެއޭ ކިޔާ ބަޔަކު ޖޯކު ޖަހަމުންދާތީ ހައިރާންވެއެވެ.
އެމްއެންޑީއެފް އެއާ ކޯއަށް ތައާރަފު ކުރި ޑްރޯން ނުވަތަ ޔޫއޭވީ ތަކަކީ މީޑިއަމް އެލްޓިޓިއުޑް ލޯންގް އެންޑިއުރެންސް، ޓެކްޓިކަލް އާރމަޑް ޔޫއޭވީތަކެކެވެ. މިއީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރަށް ދުއްވުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެއްވެސް މެއެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ތުރުކީއަށް ކުރެއްވި ފުރަމާނަ ދަތުފުޅުގައި ކުރެވުނު މަޝްވަރާތަކާއި އެއްބަސްވުންތަކުގެ ދަށުން ގެނައި ތިން ޑްރޯން އޮޕަރޭޓު ކުރާނީ، ތުރުކީން ތަމްރީނުވެގެން އައި ދިވެހި ސިފައިންނެވެ. މިއީ ބޭރުގެ ސިފައިން ލައްވައި ކުރުވާ ކަމެއް ނޫނެވެ. އެއީވެސް އުފާ ކުރަންޖެހޭ ކަމެކެވެ. ޑްރޯން ދުއްވަން އައި ސިފައިން ނުގޮސްގެން އުޅެން ނުޖެހޭނެތާއެވެ.

ވައިގެ އަސްކަރިއްޔާއިން ބޭނުންކުރަން ގެނައި ޑްރޯން،ރައީސުލްޖުމްހޫރިއްޔާ
ޑރ.މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ

ޑްރޯން އޮޕަރޭޝަނަށް މި އަހަރުގެ ޖެނުއަރީ މަހު ފެށި ތަމްރީނުު ނިންމައި ދިވެހި ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެ އައިސްފައިވާއިރު، ވަރަށް އަވަހަށް ދެވަނަ ބެޗު ވެސް އަންނާނެއެވެ.
ދިވެހި ސިފައިން 24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ފެށުމަކީ ހަގީގަތުގައި ވެސް ދިވެހީން ފަހުރުވެރިވާން ޖެހޭ ކަމެކެވެ. ޑްރޯންތައް ކުޑަ ކަމަށް ބުނެ، ހަޖޫ ޖަހާ މީހުންގެ ހިތުގައި ގައުމާއިމެދު އެއްވެސް ލޯތްބެއް، ކުލުނެއް ނެތީތޯއޭ ސުވާލު އުފެދެއެވެ.
ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމާއި ގުޅިފައިވާ މިފަދަ ކަމެއްގައި ދިވެހީންނަށް ލިބޭ ކުރިއެރުމަކާއިމެދު އުފާކޮށް ފަހުރުވެރިވުމުގެ ބަދަލުގައި، އެކަމަށް މަލާމާތް ކުރުމަކީ ގައުމަށް ހެޔޮ އެދޭ ބަޔަކު ކުރާނެ ކަމެއްބާއެވެ؟
ވައިގެ ސިފައިންގެ ހިދުމަތް ތައާރަފު ވެގެން ދިޔުމުން ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމާއި، ރާއްޖޭގެ އެންމެހާ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ ސަވެއިލަންސް އޮޕަރޭޝަންތައް ސީދާ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ހިންގަން ފެށުނީއެވެ.
އެއާއިއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގެއްލޭ މީހުންނާއި އުޅަނދު ހޯދުމުގައި، އަލަށް ތައާރަފު ކުރި ޑްރޯންތައް ބޭނުން ކުރެވޭނެއެވެ. މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމުގައި ވެސް، މިއީ މުހިންމު ދައުރެއް އަދާ ކުރާނެ އެއްޗަކަށް ވާނެއެވެ.
މި ޑްރޯންތައް ވެގެންދާނީ، ސިފައިން ހިންގަންޖެހޭ ގައުމީ ދިފާއުއާއި ގުޅޭ އޮޕަރޭޝަންތަކާއި، ސަލާމަތީ އަދި އިމަޖެންސީ އޮޕަރޭޝަންތަކާއި ހިއުމަނިޓޭރިއަން އޮޕަރޭޝަންތައް ހިންގުމުގައި ވަރަށް ބޭނުންތެރި، މުހިންމު ވަސީލަތަކަށެވެ.
ދިވެހި ސިފައިންގެ ވައިގެ ބާރު ތައާރަފުކޮށް، އެ ބާރުގައި ބޭނުންކުރާނެ އަސްކަރީ ޑްރޯން ތައާރަފު ކުރުމުގެ ގައުމީ މަސައްކަތަކީ ދިވެހި ގައުމީ ސަލާމަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކަށަވަރުކަމެކެވެ. މިއީ ދިވެހީންގެ މިނިވަންކަން ދިފާއު ކުރުމަށާއި، އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަށް ސަރުކާރުން އަހައްމިއްޔަތުކަންދޭ މިންވަރު ވެސް ހާމަކޮށްދޭ ކަމެކެވެ.
ރައީސް މުއިއްޒު ވިދާޅުވަނީ، ރާއްޖެއަށް މުހިންމީ އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަމުގައި ހުރިހާ މާނައެއްގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ދެމިއޮތުންކަމުގައެވެ.
ި