މި އަހަރުގެ މާޗު މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގައި އަލަށް ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތުގައި ހެލިކޮޕްޓަރެއް ބޭނުން ކުރަން ނިންމައިފިއެވެ.

Ads by Asuru

ގައުމީ ދިފާއީ ބާރުގެ އެއާ ކޯ އާއި އަސްކަރީ ޑްރޯންގެ ހިދުމަތް ފަށަން ރޭ ނ.މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، އެއާ އެމްބިއުލާންސަކަށް މަތިންދާ ބޯޓަކާއި ސީ ޕްލޭނެއް މިހާރު ރާއްޖޭގައި އެބައޮތް ކަމަށެވެ.

އަދި މި އަހަރު ނިމުމުގެ ކުރިން އެއާ އެމްބިއުލާންސެއްގެ ގޮތުގައި ހެލިކޮޕްޓަރެއްވެސް ރާއްޖެ ގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”މިއަހަރު ނިމުމުގެ ކުރީގަ ހެލިކޮޕްޓަރ ސާވިސްގެ ތެރޭގަވެސް އަބަދު ބޭނުންކުރެވޭ މެޑިކަލް އިވެކުޢޭޝަންއަށް ބޭނުންކުރެވޭ ހެލިކޮޕްޓަރެއް ވެސް އޮންނާނެ،“ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ފަށަން ނިންމާފައިވާ ހެލިކޮޕްޓަރުގެ ހިދުމަތުގައި ބޭނުންކުރާނީ ރައްކާތެރިކަމުގެ މިންގަނޑު އެންމެ މަތީ ހެލިކޮޕްޓަރުތައްކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

އަމީން ވިދާޅުވީ، ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތްދޭން ސަރުކާރުން ނިންމާފައިވާއިރު، އެކަމުގައި އެންމެ ބޮޑަށް ވިސްނާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. އެގޮތުން މި ހިދުމަތުގައި ބޭނުންކުރާނީ އެންމެ ރައްކާތެރި ޓްވިން އިންޖީން ހެލިކޮޕްޓަރުކަމަށް އަމީން ވިދާޅުވިއެވެ.

ަ