ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގޭގެ އެންމެ މަތީ ވެރިޔާ، ޑރ.މުހައްމަދު މުއިއްޒު ދިވެހި އަސްކަރިއްޔާއަށް ގެނެސްދެއްވި އިންގިލާބީ ބަދަލަށްޓަކައި، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

Ads by Asuru

ޣައްސާން ރައީސް މުއިއްޒުއަށް ޝުކުރު އަދާ ކުރެއްވިއިރު، ރޭ ރާއްޖޭގެ ވައިގެ ބާރު އިފްތިތާހުކޮށް އަސްކަރީ ޑްރޯންގެ ހިދުމަތް ވެސް ވަނީ ފަށާފައެވެ. މިއީ ދިވެހި ތާރީހުގައި ވެސް ވައިގެ ބާރު ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.

އެކްސްގައި ރައީސްއަށް އައްސަރިބަހާއި ސާބަސް ދަންނަވައި، ޝުކުރު ވެސް އަދާ ކުރައްވަވައި ޣައްސާން ކުރެއްވި ޕޯސްޓުގައި ފަތްތޫރައިގެ 61 ވަނަ އަދަދުގައި އަބްދުލްމަޖީދު އަބްދުލްވައްހާބު ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ބައެއް ވެސް ހިއްސާ ކުރެއްވިއެވެ.

އެ ލިޔުމުގައި ވަނީ:

”އަޅުގަނޑުމެން ދިވެހީންނަކީވެސް ބޯދާ ޒަމާނުއްސުރެ ވަޒަންދެކެ ލޯބިވާ، އަދުއްވުންގެ ހަމަލާއިން ރާއްޖެ ދިފާއުކޮށް، އެކުވެރި ބިދޭސީންނާއި ވިޔަފާރިއާއި ސަގާފީ ގޮތުން މުއާމަލާތުކޮށް އުޅެމުން އަންނަ ހަރުދަނާ ބަޔަކީމުއެވެ. ބޭރުން އަރާ ހަތުރުވެރިކަމުގެ ނަގޫރޯޅިތަކުން ރެކި ދަފަރާވެގެން ތިބޭއިރު ބޭރުންޖެހޭ މިތުރުވެރިކަމުގެ ނަލަ ރޯޅިތަކުން ލޮބުވެތި ދިވެހިރާއްޖޭގެ ނަވުގެ ”ބަނޑުރިޔާ ފެނު“ އަޅުވާލާފަދަ ބަޔަކީމުއެވެ. ރުޅިވެރި ކަމުގައި ބޮޑުކަޅީން ވަދެގެން އައިސް ދެބަނޑޮސް ދޭތެރެއަށް ދޫކުރާ ޢަދުއްވުންގެ ގުރާބުތަކާއި ދިމާއަށް، ދިވެހިރަސްކަމުގެ ފުރަމާނަ ދޭހަވާނޭ ގޮތުން މާލޭގެ ބުރުޒުތަކުން ބޮޑުބަޑީގެ އުންޑަތައް ފޮނުވީމުއެވެ. އެކުވެރިކަމުގައި އައިސް ގާދޫކޮލުން ވަންނަ އިއްތިހާދީންގެ ނައުޒޯނގަށް ހަމަ އެބުރުޒުތަކުން ސަލާމުގެ ބަޑި ބަރުތީލަ ކުރީމުއެވެ. “

ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާހުކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ހިދުމަތް އިފްތިތާހްކޮށްދެއްވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ހިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމުގެ ގޮތުން އެސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގާނެއެވެ.

ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމާއި އެންމެހާ ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމަށްޓަކައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޭރިއަލް ސަރވެއިލަންސް އޮޕަރޭޝަންތައް ކޯސްޓްގާޑާއި ގުޅިގެން ހިންގާނެއެވެ.