ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ސްރީ ލަންކާ އާއި މެލޭޝިއާގެ އިތުރުން އިންޑިއާގައި ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނެފިއެވެ.

Ads by Asuru

އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ބައެއް މީޑިއާތަކަށް ވިދާޅުވީ، މީގެ ކުރިން މި މަހުގެ 17 ގައި ބާއްވަން އޮތް މަޖިލިސް އިންތިހާބު އަންނަ މަހުގެ 21 ވަނަ ދުވަހަށް ފަސްކުރުމުން ރީ- ރެޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގައި ވޯޓު ފޮށި ބެހެއްޓޭ ވަރަށް ރާއްޖޭން ބޭރުގައި ވޯޓުލާން ރަޖިސްޓްރީވީ ތިން ގައުމަކުން ކަމަށެވެ.

ފަހުން ހުޅުވާލި ފުރުސަތުގައި އިންޑިއާގައިވެސް ފޮއްޓެއް ބެހެއްޓޭ ވަރަށް  މީހުން ހަމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ބޭރުގެ ފޮށިތަކަށް ރީ-ރަޖިސްޓަރީ ކުރި މީހުންނަށް ބަލާއިރު، މެލޭޝިއާގައި ވޯޓު ލާން 703 މީހުން ރަޖިސްޓަރީ ކޮށްފައިވެއެވެ. ސްރީ ލަންކާގައިއުޅޭ 306 މީހުން ރަޖިސްޓްރީ ކުރިއިރު، އިންޑިއާގައި 159 މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ.

ފުއާދު ވިދާޅުވި ގޮތުގައި، މިހާތަނަށް 10،000 ވުރެ ގިނަ މީހުން ރީ-ރަޖިސްޓާކޮށްދީފައިވެއެވެ.