މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހިންގުން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޮށްފިއެވެ.

Ads by Asuru

މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ ސްޓޭޝަންގެ ހިންގުން ވެމްކޯއާ ހަވާލުކޮށްދެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ.

އާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ބޭނުން ރަސްމީކޮށް ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ މި ފެސިލިޓީ އަކީ މާލެއަށް ދިމާވެފައިވާ ކުނި މެނޭޖު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ފުރިހަމަ ފެސިލިޓީއެއް ކަމަށެވެ.

އަދި ’ހަފްތާ-14‘ މަގުޗާޓުގައި ހިމެނޭ ’މަގޭ ސާފު ރާއްޖެ‘ ޕްރޮގްރާމްގެ ދަށުން މުޅި ރާއްޖޭގައި މިފަދަ އިތުރު ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭޑީބީ އާއި ދިވެހި ސަރުކާރުން 184 މިލިއަން ރުފިޔާ ހަރަދުކޮށްގެން މާލޭގައި ޤާއިމުކޮށްފައިވާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ، ޒަމާނުއްސުރެ މާލޭގައި ކުނި މެނޭޖުކުރުމަށާއި، އެ ކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގެ މަޤުޞަދުގައި ޒަމާނީ ވަސީލަތްތަކާއިއެކު ބިނާކޮށްފައިވާ 65 ހާސް އަކަފޫޓުގެ ޖާގަ ތަނަވަސް މަރުކަޒެކެވެ.

އަދި މި މަރުކަޒު ފަރުމާކޮށްފައި ވަނީ، ތިމާވެއްޓާއި ރައްޓެހި އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ.

މި ސެންޓަރުން ތިލަފުއްޓަށް ކުނި އުފުލާނީ ކޮންޓޭނަރުތަކުގައި ކުނި ބަންދުކޮށްގެންނެވެ.

މީގެ އިތުރުން މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި ހިމެނޭ އިދާރީ މަސައްކަތްތައް ހިންގާ އިމާރާތަކީ، ކާރިސީ އަދި މޫސުމީ ހީރާސްތަކުން ރައްކާތެރިކަން ހޯދޭނޭ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެކެވެ.