ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސްކަމަށް އއ. އުކުޅަސް، ފިފްޓީފްލާވަރ އަލްއުސްތާޒު ހުސައިން ސިރާޖު އިންތިހާބު ކޮށްފިއެވެ.
ބާ ކައުންސިލުގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއީލް ވިޝާމް އަވަހާރަވުމުންނެވެ. އޭނާ އަވަހާރަވީ، މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓިން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ހޮވުމަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ 13:00 އިން 15:00 އަށެވެ.
މި އިންތިހާބުގައި ވޯޓުލާފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނީގެ އޮންލައިން ވެބް އެޕްލިކޭޝަން ”ފަހިވޯޓު“ މެދުވެރިކޮށެވެ.
އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވަނީ ޖުމްލަ 991 އާންމު މެންބަރުންނެވެ.
ބާ ކައުންސިލުގެ ރައީސްކަމަށް ވާދަކުރެއްވީ ސިރާޖުގެ އިތުރުން މުހައްމަދު ފައިސަލެވެ. ސިރާޖަށް 224 ވޯޓު ލިބިވަޑައިގެންނެވިއިރު ފައިސަލަށް ލިބިވަޑައިގަތީ 172 ވޯޓެވެ.
އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލެއްވީ ގދ.ފަރެސްމާތޮޑާ، މާތޮޑާއަވަށް، ރޭއަލިވާގެ، އަހުމަދު ޝިފާއު އެކަންޏެވެ. އޭނާ މި މަގާމަށް އިންތިހާބުކުރަން ފެންނަކަމަށް ވޯޓު ދެއްވީ 248 ބޭފުޅުންނެވެ.
އަދި ނުފެންނަ ކަމަށް 88 ބޭފުޅުން ވޯޓު ދެއްވިއެވެ.