މިފްކޯގެ ސީއީއޯ އަދި އެމްޑީ އަހުމަދު ޝަމާހް ރަޝީދު އާ ގުޅޭ މައްސަލައެއް ބަލާތީ އޭނާ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައިވާ ކަމަށް ޕްރަިވަޓައިޒެޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފިއެވެ.

Ads by Asuru

މިކަން ހާމަކޮށް ޕީސީބީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ޝަމާހުގެ ކޯޕަރެޓް ގަވަނަންސް އާ ގުޅޭ މައްސަލަަތަކެއް ޕީސީބީއަށް ހުށަހަޅާފައި ވުމުން، ބަލަމުން ދާ ކަމަށެވެ.

އެ އިންކުއަރީ ފުރިހަމަ ކުރުމުގެ ބޭނުމަށް 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

ޕީސީބީން ހަވާލާ ދީފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާ ބެހޭ އުސޫލަށެވެ. އަދި ރިޔާއަތް ކުރަނީ އެ އުސޫލުގެ 25 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންމަރުގައި ވާ ހާލަތަށް ކަމަށް ވެސް ބުނެފައި ވެއެވެ.

ޝަމާހު އާ ބެހޭ ގޮތުން ޕީސީބީއަށް ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި އޭނާގެ އާއިލީ މީހުންނާއި ރައްޓެހިންނަށް ކުންފުނީގެ ވަޒީފާ ދިނުން ފަދަ ކަންކަން ކުރެއްވި ކަމަށް ކުރި ތުހުމަތުތައް ހިމެނެއެވެ.