ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕީޕީއެމްގެ ކުރީ ސަރުކާރުން އެޅި ހިޔާ ޓަވަރުތަކުއި އިތުރު ދެ ލިފްޓް ހަރުކުރުމުގެ މަސައްކަތް އޭޕްރީލް މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ އާއްމު ރައްޔިތުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސް ޖަވާބުދެއްވުމުގެ ގޮތުން، ރައީސް އޮފީހުން ކުރިއަށް ގެންދާ ”ރައީސްގެ ޖަވާބު“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ހުޅުމާލޭ ހިޔާ ފްލެޓްތަކުގައި އާ ލިފްޓްތައް ހަރުކޮށް ނިމޭނެ ތާރީޚެއް ސާފުކުރުމަށް ގދ. ފަރެސްމާތޮޑާ، ގަސްކޯނި، ޙަލީމާ ޝާހިޔާ، ދެންނެވި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ލިފްޓް ހަރުކުރުމަށް ބަޔަކާ ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ލިފްޓްތަކުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކަމަށެވެ.
ރައީސް ވިދާޅުވީ ހިޔާ ކޮންމެ ޓަވަރެއްގައި ދެ ލިފްޓް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެން އެއް ލިފްޓަކީ ބަލިމީހުން އުފުލުމަށްޓަކައި ސްޓްރެޗަރ އެރުވޭނެ ބޮޑު ލިފްޓެއް ކަމަށެވެ.
“އޭޕްރީލް މަސް ތެރޭގަ އިރާދަކުރެއްވިއްޔާ އެފަރާތުން އަމަލީ މަސައްކަތަށް ހިޔާ ފްލެޓް ސަރަޙައްދަށް މޮބިލައިޒް ކުރާނެ.” ރައީސް މިއަދު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ލިފްޓް ހަރުކުރުމުގެ އެގްރިމެންޓްގައިވާ ގޮތަށް އެޑްވާންސް ޕޭމަންޓަށްވާ ފައިސާ ސަރުކާރުން އެފަރާތަށް ވަރަށް އަވަހަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެއް އަހަރުތެރޭގައި ހުރިހާ ލިފްޓެއް ހަރުކޮށް ނިންމަން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.