2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު، އެމްޑީޕީގެ ސަރުކާރުން ހުޅުމާލެއިން ގޯތި ދިންއިރު، މަގުތައް މަތިން ވެސް ގޯތި ދީފައިވާކަން ހާމަކޮށްފިއެވެ.

Ads by Asuru

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން އާއްމު ކުރި ވީޑިއޯއެއްގައި އެ ކުންފުނީގެ ޕަބްލިކް ރިލޭޝަން އެސިސްޓަންޓް މެނޭޖަރު މުހައްމަދު ސިރާޖު މިކަން ހާމަކޮށްދެއްވައި ވިދާޅުވީ، ”ބިންވެރިޔާ“ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް ބިން ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިހާރު ހަވާލުކޮށްފައިވާ ބައެއް ބިމުގައި އިންފާރު ރޭނުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް ކަމަށެވެ.

އޭނާ ވަނީ، ބިން ހަވާލުކުރުމުގައި ދިމާވެފައިވާ ބައެއް ހުރަސްތަކާ ހެދި، ބައެއް މީހުންނަށް އިން ވަކިކޮށް ބިން ހަވާލުކުރުމުގައި ލަސްކަމެއް އުޅޭކަން ފާހަގަކުރައްވާފައެވެ.

އޭގެ ތެރެއިން މިސާލެއް ފާހަގަކުރައްވަމުން ސިރާޖު ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރަން ކަނޑައަޅާފައިވާ ބައެއް ގޯތި، މަގުމައްޗަށް އަރާ ގޮތަށް ދީފައިވާ ކަމަށް ވިދާޅުވެފައެވެ.

މިގޮތުން ދަތިވާ ގޮތަށް ދޫކުރި ގޯއްޗެއްގެ ކުރެހުން ދައްކަވަމުން ސިރާޖު ވިދާޅުވީ އެ ގޯތި ކަނޑައަޅާފައިވަނީ މަގުން ބައެއް ވެސް ހިމެނޭ ގޮތަށް ކަމަށާއި އެ މަގާ ގުޅިގެން ފެނާއި ކަރަންޓާއި ނަރުދަމާގެ ވިއުގަ ވެސް އޮންނާނީ އެ ގޯތީގެ ތެރޭގައި ކަމަށެވެ.

އެފަދަ ގޯތިތައް ލިބުނު މީހުންނަށް އެހެން ސަރަަހައްދަކުން ބިން ދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިރާޖު އިތުރަށް ވިދާޅުވީ އެ ސަރަހައްދުގެ މަގުތަކާއި ގޯޅިތައް ވަކި ހަމައަކުން ތަރުތީބުކޮށްގެން ނޫނީ އެ ސަރަހައްދުގެ ގޯތިތައް ކަނޑައަޅައި، ބިން ދޫކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

އެގޮތުން އިން ވަކިކޮށް، ބިން ހަވާލުކުރުމުގައި ދިމާވާ ހުރަސްތައް ނައްތާލައި، ގޯތީގެ ވެރިންނާ ބިން ހަވާލުކުރުމުގެ މަސައްކަތް އެޗްޑީސީން ކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.