ޗައިނާގެ ހިލޭ އެހީގެ ދަށުން ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް ކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.

Ads by Asuru

މިއެއްބަސްވުމަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މެއިންޓަނަންސް މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމުގެ އިތުރުން އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވި އެއްބަސްވުންތަކެކެވެ.

ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއި ކުރި ”ލެޓާ އޮފް އެކްސްޗޭންޗް“ އަދި ”އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަމަންޓްސް އޮފް ޗައިނާ އެންޑް މޯލްޑިވްސް“ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދަން ނިންމި ކަންކަމުގެ ތެރޭގައި އަލް ރިޕެއާ ކުރުމުގެ މަސައްކަތާއި، ޕްރިވެންޓިން މެއިންޓެނަންސް މަސައްކަތާއި، ބްރިޖް މެއިންޓެނަންސް މަސައްކަތް ދެނެގަތުމާ ގުޅޭ އެސެސްމެންޓްތައް ހެދުމާއި، ބްރިޖް މެއިންޓެނަންސް މަސައްކަތާއި، ރިކޯޑް ބަލަހައްޓާނެ ނިޒާމެއް ގާއިމް ކުރުމާއި، ބްރިޖުގެ އެކިއެކި ކޮމްޕޮނެންޓްސްތަކަށް ބޭނުންވާ މަރާމާތުތައް ދެނެގަނެ، މެއިންޓެނަންސް މަސައްކަތް ކުރުން ހިމެނެއެވެ.

މި މަސައްކަތް ހަވާލު ކުރީ މީގެ ކުރިންވެސް އެ މަސައްކަތް ކުރަމުންދިޔަ ޗައިނާގެ ސީސީސީސީ ކުންފުންޏާއެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 3 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މި އެއްބަސްވުމުގެ ދަށުން މެއިންޓެނަންސް މަސައްކަތްތައް ކުރުމަށް ދިވެހި ޓެކްނިޝަނުންގެ ގާބިލްކަން އުފެއްދުންވެސް ހިމެނެއެވެ. މިގޮތުން މިއެއްބަސްވުމުގެ މުއްދަތު ނިމުމުން ބްރިޖް މެއިންޓެނަންސް މަސައްކަތްތަކާ ހަވާލު ވެވޭނެ ފެންވަރަށް ދިވެހިން ބިނާކޮށް އެ ޓީމުގެ ބެލުމުގެ ދަށުން މެއިންޓެނަންސް މަސައްކަތްތައް ހިންގާނެ ކަމަށް އިމާރާތް ކުރުމާ ބެހޭ ވުޒާރާއިން ބުނެއެވެ.

އެގޮތުން މެއިންޓެނަންސް މަސައްކަތްތަކަށް ދިވެހިން ތަމްރީނު ކުރުމަށް ހަމަޖެހިފައިވަނީ ބްރިޖް އިންޖިނިއަރިންގް އަދި ރޯޑްއިންޖިނިއަރިންގް އާއި އިލެކްޓްރޯ މެކޭނިކަލް ޓްރެފިކް ސޭފްޓީއާއި، ފެސިލިޓީ ލޭންޑްސްކޭޕިންގް އާއި، ބްރިޖްންސް މެއިންޓެނަންސްގެ ދާއިރާތަކުންނެވެ.