ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއުގެ މަސައްކަތްތައް މިހާރު ހިނގަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ވިލިމާލެއިން ރަނގަޅު ސިއްހީ ހިދުމަތް ނުލިބި، އެ ހިދުމަތް ހޯދަން އަބަދުވެސް މާލެއަށް ދަތުރު ކުރަންޖެހޭކަން ފާހަގަކޮށް، ވިލިމާލޭގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ވިލިމާލޭގައި މި ސަރުކާރުން އަޅަން ނިންމި 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތްތައް މިހާރުވެސް ”އެބަ ހިނގ‏ާ“ ‏ކަމަށެވެ.

”އެ މަސައްކަތް ޗައިނާގެ ހިލޭ އެހީގެ ދަށުން، އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި އޮތީ. މިހާރު ކުރިއަށްދަނީ، ޗައިނާގެ ކަމާ ބެހޭ އިދާރާގެ ބޭފުޅުންނާ އަޅުގަނޑުމެންގެ ކޮންސްޓްރަކްޝަން މިނިސްޓްރީއާ ހެލްތު މިނިސްޓްރީއާ އަޅުގަނޑުމެންނާ ގުޅިގެން ޓެކްނިކަލް މަސައްކަތްތައް، ޓެކްނިކަލް އާއި ޑިޒައިންގެ މަސައްކަތްތައް، އެކަމަށް ބިން ވެސް ކަނޑައަޅާފައި އެއޮތީ.“ ‏ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ،  އެ މަސައްކަތް ނިމުނުހައި އަވަހަށް، ދެން ފެނިގެންދާނީ ވިލިމާލޭގައި އަޅާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިގެންދާ މަންޒަރު ކަމަށެވެ.

ރައީސް ދެއްވި ޖަވާބުގައި ވިލިމާލެ ހޮސްޕިޓަލުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ.

”‏އިރާދަކުރެއްވިއްޔާ، މިހާތަނަށް ހައްލު ނުވެ އޮތް މި މުހިންމު މައްސަލަ ހައްލު ކޮށްދޭނަން.“ ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ދެއްވީ، ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ  ހޮސްޕިޓަލުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމުގެ ޔަގީންކަމެވެ.