ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް، އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ހަނދާނުގައި، ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފިއެވެ.
ޖެން މޯލްޑިވްސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސް ލިޔުއްވި ބަޔާނުގައި ޔޫއޭއީގެ ރައީސް އަކީ އެ ޤައުމުގެ ރައްޔިތުންގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ވިޝަނަރީ ލީޑަރެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނުގެ ޚިދުމަތްތަކަކީ ޔޫއޭއީގެ ރައްޔިތުން ހަނދުމަ އާކުރާނެ ޚިދުމަތްތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ޔޫއޭއީގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހު މާދަމާ ޔޫއޭއީގެ ވެރިރަށް އަބޫދާބީ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަހަށް ދިވެހި ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރަން ރައީސް ވަނީ ނިންމަވާފައެވެ.
ޔޫއޭއީގެ ރައީސް އަވަހާރަވެފައިމިވަނީ ސިއްހީ ހާލުކޮޅު ގޯސްކޮށް އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން އިއްޔެގެ ވަގުތެއްގައެވެ.