އަވަށްޓެރި އެއްވެސް ގައުމަކުން ރާއްޖެއަށް ހިލޭ ޑްރޯން ހަދިޔާ ކުރަން ހުށަހަޅާފައިނުވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު ޣައްސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޔައުގޫބު ވަނީ އަވަށްޓެރި ގައުމަކުން ރާއްޖެއަށް ހިލޭ އަސްކަރީ ޑްރޯން ހުށަހެޅިއިރު، އެ ބޭނުންނުކޮށް، އަގުބޮޑުކޮށް ތުރުކީން ޑްރޯން ގަތީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ޣައްސާން ވިދާޅުވީ ޔައުގޫބަށް ލިބިވަޑައިގެންފައިވަނީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށާއި، އެއްވެސް ގައުމަކުން ރާއްޖެއަށް ހިލޭ ޔޫއޭވީ ނުވަތަ ޑްރޯން ދިނުމުގެ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށެވެ.

”ހިލޭ ޑްރޯންއެއް ދެއްވާނެ ވާހަކަ، އިވިވަޑައިގެންފައި އޮތީ އަވަށްޓެރި ކޮން ގައުމަކުންތޯ؟ އެއީ ކިހިނެއް ލިބިވަޑައިގެންނެވި މައުލޫމާތެއް ތޯ ވެސް އަޅުގަނޑުމެން ބަލައިލަން ބޭނުން.“ ޣައްސާން ވިދާޅުވިއެވެ.

އަސްކަރީ ޑްރޯން ގަތުމުގައި މި ސަރުކާރުން ކޮރަޕްޝަން ހިންގާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން އަންނައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެކަމަށް މީގެ ކުރިން ރައްދު ވެސް ދެއްވާފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ، ޑްރޯން ގަތުމުގައި ކޮރަޕްޝަންގެ ތުހުމަތު ކުރާ ނަމަ، އެ މައްސަލައެއް ހުށަޙެޅުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށާއި ނަމަވެސް މި ސަރުކާރަކީ ކޮރަޕްޝަންގެ އަމަލެއް ހިންގާނެ ސަރުކާރެއް ނޫން ކަމަށެވެ.

 

 

 

ި