ޗައިނާގެ ހިލޭ އެހީ އާއިއެކު ވެރި ރަށް މާލޭގެ ހުރިހާ މަގެއް ހެދުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނު ކުރައްވަވައިފިއެވެ.

Ads by Asuru

ރައީސް މިކަން އިއުލާނު ކުރެއްވީ، ރައްޔިތުން މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާއަށް ވާދަކުރައްވާ އަހްމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، މާލެ ސިޓީގެ މަގުތައް ހަދަން ޖެހޭކަން ފާހަގަކުރައްވައި ވިދާޅުވީ މާލޭގެ މަގުތައް ހެދުމަށް ކުރިއަށް ގެންދިޔަ މަޝްރޫއު ހުއްޓާލީ މާލެ ސިޓީ ކައުންސިލާ މަޝްވަރާ ވެސް ކުރުމެއް ނެތި ކަމަށެވެ.

އެމަނިކުފާނު މޭޔަރު ކަމަށް ހޮވިވަޑައިގަތުމާއެކު 400 މިލިއަން ރުފިޔާގެ ބަޖެޓެއްގައި ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ބަޖެޓު ހިފަހައްޓާ މަޝްރޫއު ކެންސަލްކޮށްލިކަން އެނގިވަޑައިގަތީ ނޫސްތަކުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ޗައިނާ ސަރުކާރުން މާލޭގެ މަގުތަށް ހެދުމަށް ހިލޭ އެހީ ދޭން ނިންމާފައިވާކަން ފާހަގަކުރައްވައި، މުޅި މާލެ ސިޓީގެ ހުރިހާ މަގެއް ހަދާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”ޗައިނާ ސަރުކާރުން ހިލޭ، ހިލޭ، މުޅި މާލޭ ސިޓީގެ މަގުތައް ހަދާގޮތަށް މިހާރު ހަމަޖެހިފައި އޮތީ. ހުރިހާ މަގެއް، އެހެންވީމަ، ކޮންސްޓްރަކްޝަން މިނިސްޓަރ މިތާ އެބަ އިންނެވި، މިހާރު ޑެލިގޭޝަން، ޗައިނާގެ ކަމާބެހޭ ޑެލިގޭޝަން މިކޮޅުގަ އެބަ އުޅޭ.“

ޗައިނާގެ ކަމާ ބެހޭ ޓީމް ރާއްޖެ އައިސްފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކަމާ ގުޅުންހުރި ފަންނީ މަސައްކަތްތައްކޮށް ނިމުމުން މަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އަދި މަގުތައް ހަދާ ނިމޭއިރު މަގުތަކުގައި ހުރި ހުރިހާ މައްސަލައެއް ހައްލުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހެދުމަކީ ރައީީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.