ހަމައެކަނި ވޯޓުގެ ދަހިވެތިކަމުގައި، އިހްލާސްތެރިކަމެއް ނެތި ކުރާ ކަމަކުން ފައިދާއެއް ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ މައްޗަންގޮޅި މެދު ދާއިރާއަށް އަމިއްމަ ގޮތުން ވާދަ ކުރައްވަވާ، އަހުމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހަމައެކަނި ވޯޓުގެ ދަހިވެތިކަމުގައި، އިހްލާސްތެރިކަމެއް ނެތި ކުރާ ކަމަކުން ފައިދާއެއް ނުވާނެކަން ފާހަގަކުރައްވައި، ރައީސް ވަނީ އެމްޑީޕީގެ ވެރިކަމުގައި، ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު ގޯއްޗާއި ފްލެޓުތައް ދޫކޮށްލި ގޮތަށް ފާޑު ވިދާޅުވެ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިންއިރު، މަގުތަކަށް ވާ ގޮތަށް ވެސް  ދިންކަން ހަނދާން ކޮށްދީފައެވެ.

”މަގުމައްޗަށާއި، އެއްކޮށް ގޯތިތައް އޮތީ އަރާފަ، އަޅުގަނޑުމެން ވައުދުވީ ގޮތަށް ގޯތި ހަވާލު ކުރާނަން، އެހެންވީމަ، މަގުމައްޗަށް އަރާ 150އެއްހައި ގޯތި އުޅެނީ، ދެން މަގުމައްޗަށް އަރާތީވެ، އެ ގޯތިތައް ޝިފްޓު ކުރަންޖެހޭ، އަދި ހޮޅި ލައިންތަކާއި އެތައް ތަނެއް ބަދަލު ކުރަން ވެސް އެބަޖެހޭ.“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެކި މަޝްރޫއުތަކަށް ވަގުތީގޮތުން ދީފައިވާ ބިންތަކުން ވެސް ހުރީ ގޯތި ދީފައި ކަމަށާއި، އެފަދަ ވެލި ފުނިތައް ނަގައި، އެ ތަންތަން ހުސްކޮށް އެއްވަރު ކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ކުރަމުން އަންނަ ކަމަށެވެ.

އެޗްޑީސީން މިދިޔަ ހަފްތާގައި ގޯތީގެ އިން ވަކި ކުރަން ފަށާފައިވާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެފައިވަނީ، ނެޓްވޯކުތަކާއި މަގުތަކަށްވާ ގޮތަށް ގޯތި ދީފައިވުމަކީ ރައްޔިތުންގެ މައްސަލައެއް ނޫން ކަމަށާއި، ކުރީ ސަރުކާރުން ގޯތި ދިން ތަނަކުން، މި ސަރުކާރުން ދޭނެ ކަމަށެވެ. އެކަމަށްޓަކައި ބިން ހިއްކަން ޖެހޭ ތަންތަން ހިއްކުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.