ހަފްތާ 14ގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ މަސައްކަތަކީ ރާއްޖޭގައި އެއަރ އެމްބިއުލަންސްގެ ޚިދުމަތް ތައާރަފްކުރެވިގެން ދިއުން ކަމަށް ހެލްތު މިނިސްޓަރ ޑރ އަބުދްﷲ ހަލީލް ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރ ހަލީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކުރައްވާ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ހައިތަމް ސުވާލުކުރައްވާފައިވަނީ ހަފްތާ 14ގެ ހެލްތު މިނިސްޓްރީއާ ގުޅުން ހުރި ކަންތައްތަކުގެ ތެރެއިން ކުރިއަށްގެންގޮސްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ.

އެ ސުވާލަށް ދެއްވި ޖަވާބުގައި މިނިސްޓަރ ހަލީލް ވިދާޅުވީ ހަފްތާ 14 އަށް ބަލާއިރު ހެލްތު މިނިސްޓްރީގެ ފަރާތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދެވިފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ޚާއްސަ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެނީ އެއަރ އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކުރުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބަލި މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަކީ ރާއްޖޭގައި އަބަދުވެސް ވަރަށް އުނދަގޫ ހާލަތެއްގައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އެއަރ އެމްބިއުލަންސްގެ ހިދުމަތް ތައާރަފްކުރެވިގެން ގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރޭގައި އެއާޕޯޓަށް ޖައްސާ ބޯޓަކާއި ކަނޑަށް ޖައްސާ ބޯޓެއްވެސް ތައްޔާރުކުރެވިގެން ގޮސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އެ ހިދުމަތް ތައާރަފްކުރެވިގެން ގޮސްފައިވަނީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އެއަރ އެމްބިއުލަންސްގެ އެކްސެސިބިލިޓީ ލިބޭ ގޮތަށް ކަމަށެވެ.

އެއަރ އެމްބިއުލަންސްގެ ހިދުމަތް މި ސަރުކާރުން ތައާރަފްކޮށްފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އެއަރ އެމްބިއުލަންސް ހިދުމަތުގައި ބޭނުންކުރަނީ ޑޭޝް8 މަރުކާގެ މަތިންދާ ބޯޓެކެވެ. މި ބޯޓު ފަރުމާކޮށްފައިވަނީ އެއްފަހަރާ 2 މީހުން އުފުލޭގޮތަށެވެ.

މި ހިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުގެ ހިދުމަތުގެ ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރާނެކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އިމަރޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނޭކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ސިއްހީ ކުއްލި ފަރުވާގެ ހިދުމަތް ފުޅާކުރެއްވުމަކީ ރައީސް މުއިއްޒުގެ މުހިއްމު ވަޢުދުފުޅެކެވެ. އެގޮތުން އެމަޖެންސީ ހާލަތްތަކުގައި އިތުރު ބަޔަކަށް ބަރޯސާނުވެ، ދިވެހީންނަށް ހިދުމަތް ދެވޭނެ މަގުފަހި ކުރެއްވުމަކީ އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވާކަމެކެވެ.