އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މެމްބަރުންގެ ޣައިރުޒިންމާދާރު އަމަލުތަކަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުން ރައްޔިތުން ޖަވާބުދާރީވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

Ads by Asuru

ރައީސް މިފަދައިން އެދިވަޑައިގެންފައިވަނީ ފުވައްމުލައް ދެކުނު ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް އިބްރާހިމް ހުސެއިން (އިއްބެ)ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުވައްމަލުކުގެ ތަރައްގީއަށްޓަކައި ގިނަ މަސައްކަތްތަކެއް ފަށަންވެފައިވާކަމަށާއި އެ މަސައްކަތްތައް ކުރުމުގައި ބަޖެޓު ފާސްކުރަން ވިޔަސް އަދި މުޅި ރާއްޖޭގެ ތަރައްގީއަށް ކުރަން ހުރި ކަންކަމުގައި ވިޔަސް މަޖިލީހުގެ ތެރެއިން ރައްޔިތުންނާއެކު މިފަދަ މަސައްކަތްތަކުގައި ބައިވެރިވާނެ މެމްބަރުން ހޮވުމަކީ ޒަރޫރީ ކަމަކަށް މިހާރު ވެފައިވާކަމަށެވެ.

ރައީސް ވިދާޅުވީ އެ ވިސްނުމުގައި މަސައްކަތް ނުކުރާ ބަޔަކާއެކު ވޭތުވެދިޔަ ހަތަރު މަސް ދުވަހު މަސައްކަތް ކުރުމުން ފެނިގެން ދިޔައީ އެ މެމްބަރުން ރައްޔިތުންނަށް ކުރަމުން ދިޔަ އުނދަގޫތައް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ހައްގުގައި މިސަރުކާރުން ހުށަހަޅާ ބިލުތައް މަޖިލީހުގެ ތަޅުމުން ބޭރުކުރާ މަންޒަރު ފެނިގެން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އަލުން ވަރުގަދަކޮށް އެ ފަންޑަށް ހާއްސަ ގާނޫނެއް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅިއިރު، އެ ބިލު ބޭރުކޮށްލުމުން ދޭހަވަނީ އެމްޑީޕީގެ މެމްބަރުންނަކީ ދިވެހިރާއްޖޭގެ އިގްތިސާދާއި ތަރައްގީއަށް ފުރިހަމައަށް އެއްބާރުލުން ނުދޭނެ ބައެއްގެ ގޮތަށް ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ އެ މެމްބަރުންގެ ޣައިރުޒިންމާދާރު އަމަލަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައްޔިތުން ޖަވާބުދެއްވަން ޖެހޭ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ހައްގުގައި އެފަދަ މެމްބަރުންތަކެއް ކުރިއަށް އޮތް ފަސް އަހަރަށް ހޮވާނީތޯ ނުވަތަ ނޫންތޯ ރައްޔިތުން ވިސްނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ނިންމަވާނީ އެ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާނެ ކެނޑިޑޭޓުން އިންތިހާބުކުރުމަށް ކަމާމެދު ޔަގީންކުރާ ކަމަށެވެ.