ޕީޕީއެމް/ޕީއެންސީ ކޮންގްރެސް ކޯލިޝަނުން ނުކުމެ މިތިބީ އެބޭފުޅުން ގެނައި ވެރިކަން ދިފާއުކުރާނެ މެމްބަރުންތަކެއް ރައްޔިތުންގެ މަޖިލީހަށް ހޮވުމަށްކަމަށް ސަރުކާރުގެ ފަރާތުން ފުވައްމުލައް ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް އިބްރާހިމް ހުސެއިން (އިއްބެ) ވިދާޅުވެއްޖެއެވެ.

Ads by Asuru

އިއްބެ މިހެން ވިދާޅުވީ އެބޭފުޅާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އިއްބެ ވިދާޅުވީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން މި ވެރިކަމާ ތޮޅެ، ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އިއްބެ ވިދާޅުވީ އެފަދަ ޖާގައެއް ރައްޔިތުން އެއްވެސް ގޮތަކަށް ދީގެން ނުވާނެ ކަމަށާއި ރައްޔިތުންގެ ބުރަ މަސައްކަތުން ގެނައި ވެރިކަން ދެމެހެއްޓުމަށްޓަކައި ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭނެ ކަމަށެވެ.

އެކަން ކުރުމަށްޓަކައި ސަރުކާރަށް ތާއިދު ކުރާ މެމްބަރުން މަޖިލީހަށް އިންތިހާބުކުރަން ޖެހޭކަމަށް އިއްބެ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ފުރިހަމައަށް ތަންފީޒުކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ މި ސަރުކާރުގެ ކެނޑިޑޭޓުންނަށް ލިބިގެން ކަމަށް އިއްބެ ވިދާޅުވިއެވެ.

އިއްބެ ވިދާޅުވީ ރައްޔިތުން ގެނައި ވެރިކަމެއްގެ ފޮނި މީރުކަން ރައްޔިތުން ހޯދަން ޖެހޭ ކަމަށާއި، އިދިކޮޅު ޕާޓީތަކަށް އެއްގޮތަކަށްވެސް ދޫކޮށްގެން ނުވާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަށް ޕީޕީއެމް/ޕީއެންސީ އާއި ރައީސުލްޖުމްހޫރިއްޔާއަށް ޖެއްސުންކޮށް އެ ފަރާތްތަކުން ބޭނުންވާ ގޮތަކަށް ބައްޓަންކުރެވޭ ވެރިކަމަކަށް މި ވެރިކަން ވެގެން ނުވާނެ ކަމަށް އިއްބެ ވިދާޅުވިއެވެ.

އިއްބެ ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު އިރާދަކުރެއްވިއްޔާ ނިންމާލާނީ ރައީސް މުއިއްޒާއެކު މަސައްކަތް ކުރާނެ މެމްބަރުންތަކެއް މަޖިލީހަށް އިންތިހާބުވެގެން ކަމަށެވެ.

ވަރަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ރައީސް އަށް ވަފާތެރި ވެގެން ހުންނެވިކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކުރެވޭނީ ރައްޔިތުންނާ ކައިރިން މަސައްކަތް ކުރާ މިހަކަށް ކަމުން އިއްބެ ނުކުމެ ހުންނެވީ ރައްޔިތުން ތަމްސީލުކުރުމަށްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.