ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އައު ފަސް އަހަރަކަށް ހޮވަން ރައްޔިތުންނަށް ފުރުސަތު ނުވަތަ ބާރު ލިބޭ ވަގުތު ޖެހެނީއެވެ.

Ads by Asuru

މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކެއްގެ ވާހަކަ ވެސް ގަދަޔަށް ދެކެވޭ މި ދުވަސްވަރުގައި، އެމްޑީޕީގެ ކުރީގެ މަޖިލިސް މެމްބަރު މާރިޔާ އަހުމަދު ދީދީ، ގާނޫނު އަސާސީގެ މައްޗަށް ފައިން އަރުއްވައި، އަޑުގަދަ ކުރެއްވި ދުވަސް، މާޒީގެ ސަފްހާތަކުން ނިއުޅިއްޖެއެވެ.

މާރިޔާ އަކީ އޭރު މައްޗަންގޯޅި އުތުރު ދާއިރާ ތަމްސީލު ކުރެއްވި މެމްބަރެވެ. މިއަދަކީ ވެސް މާޗު މަހުގެ 27 ވަނަ ދުވަހެވެ. އެއީ ވެސް މާޗު މަހެއްގެ 27 ވަނަ ދުވަހެކެވެ. އަހަރަކީ 2017 ވަނަ އަހަރެވެ.

އެއީ ޕީޕީއެމްގެ ވެރިކަމެއްގައި، އިދިކޮޅުގައި ތިބި އެމްޑީޕީގެ މެމްބަރުން، މަޖިލިސް ނިކަންބޮޑަށް ހަލަބޮލި ކުރަމުންދިޔަ ދުވަސްވަރެއް ވެސް މެއެވެ.

އޭރުގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ނިންމެވި އުސޫލާ މެދު ހިތްހަމަނުޖެހިގެން އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވަމުން ގެންދެވިއިރު، މާރިޔާ ވެސް ވަރަށް ބޮޑަށް އަޑު ގަދަ ކުރައްވަމުން ގޮސް، ގާނޫނު އަސާސީގެ މައްޗަށް ފައިން އެރުއްވީއެވެ.

މަޖިލީހުގެ ދިގު ތާރީހުގައި ވެސް މިފަދަ މަންޒަރެއް، މީގެ ކުރިއަކުން ފެނިގެންގޮސްފައެއް ނުވެއެވެ. އޭރު މާރިޔާ ހިންގެވި މި އަމަލަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ.

އޭނާގެ އެ އަމަލަކީ ގާނޫނަށް ކުޑަ ވެސް އިހްތިރާމެއް ނެތްކަން ދައްކައިދޭ ކަމެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ބުނަމުންދިޔައެވެ.

ގާނޫނު އަސާސީ އަކީ ދައުލަތެއް ނުވަތަ އޮގަނައިޒޭޝަނެއް ހިންގުމަށް ކަނޑައެޅިފައި އޮންނަ އަސާސީ އުސޫލުތަކަކާއި ކުރިންސުރެ އަމަލު ކުރެވެމުންދާ ގޮތްތައް ބަޔާންކޮށްދޭ މައުލޫމާތެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ފައިން އެރުއްވީ، 2008 ވަނަ އަހަރު 7 އޮގަސްޓްގައި ހިންގަން ފެށުނު ގާނޫނު އަސާސީއަށެވެ. މިއީ ރާއްޖެއަށް ޒަމާނީ ފުރިހަމަ ޑިމޮކްރަޓިކް ނިޒާމެއް ގެނެސްދިން އަދި ސިޔާސީ ޕާޓީތަކާއި ދައުލަތުގެ ތިން ބާރު މުޅިން ވަކިކުރެވި، މިނިވަން މުއައްސަސާތައް އުފައްދައިދިން ގާނޫނު އަސާސީއެވެ.