ސޮވަރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) ބިލް ބޭރުކުރުމުން، އިދިކޮޅު މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހޮވުމުން ހެވެއް ނުލިބޭކަން އެނގޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު  ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ހޮޅުދޫ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ)ގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަކުރަން އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް ނިންމާ ބިލު ބޭރުކޮށްލީ އިއްޔެ ބޭއްވި ޖަލްސާގައެވެ. މި ބިލު ބޭރުކޮށްލާފައި ވަނީ ރިޔާސަތުގެ ވޯޓަކާ ވެސް އެކުއެވެ.

ރައީީސް މުއިއްޒު ވިދާޅުވި ގޮތުގައި އެސްޑީއެފްގެ ބިލު ބޭރުކޮށްލީ އެއްވެސް ސަބަބަކާ ނުލައެވެ.

އެމަނިކުފާނު ވިދާޅުވީ، މި ފަންޑަކީ ދަރަނިތަކަށް ބޭނުންކުރަން ހުރި ފަންޑެއްގެ ބަދަލުގައި އެކި ކަހަލަ ބޭނުން ޖެހުމުން ބޭނުންކުރާ އެއްޗަކަށްވެފައި ވާކަމަށާއި، މި ސަރުކާރުން އެގޮތް ބޭނުން ނުވާ ކަމަށެވެ.

ރައީީސް ވިދާޅުވީ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑު ހިމާޔަތްކުރުމަކީ ވައުދެއް ކަމަށާއި، މިދިޔަ ސަރުކާރުން އޭގައި ހުރި ޑޮލަރުކޮޅު ރުފިޔާއަށް ވެސް ބަދަލުކުރި ކަމަށެވެ.

އަދި ރުފިޔާގެ ބަދަލުގައި ޑޮލަރު ޖަމާކުރާ ފަންޑެއްގެ ގޮތުގައި ބަންދުކޮށް އެ ފަންޑަށް ހާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލިސް ތެރެއިން ފާސްކުރަން ބޭނުންވާކަމަށް ވެސް ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އެޅުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުން މަޖިލީހަށް ފޮނުވި އެންމެ ފުރަތަމަ ބިލަކީ ވެސް ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.