ނުވަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއްޔެ ކަނޑައަޅައިފިއެވެ.
ރައީސް އޮފީހުން އިއްޔެ ގެޒެޓްކުރި ރައީސްގެ ގަރާރުގައި ވަނީ އެއާޕޯޓު ތަރައްގީކުރުމަށް ފައިސާ ދޭނެ އިންވެސްޓަރުން ހޯދަން ނިންމާ، ދައުލަތުގެ އާއްމު މަންފާއަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނެ މަޝްރޫއުތައް ކަނޑައަޅާފައެވެ.
ރައީސް އިސްލާހު ކުރެއްވި ގަރާރުގައިވާގޮތުން އެއާޕޯޓު ތަރައްގީކުރަން ނިންމާފައިވާ 9 ރަށަކީ
- ހއ.ދިއްދޫ
- ށ.ދިގުވެލި
- ށ.މިލަންދޫ
- ނ.ވިހަފަރު
- ރ.ފައިނު
- އއ.މަތިވެރި
- ފ.ނިލަންދޫ
- ގއ.މާޅެންދޫ
- ތ.ގުރައިދޫ
މި ރަށްތަކުގެ އިތުރުން ލ. އަތޮޅުގައި ސަރުކާރުން ކަނޑައަޅާ ރަށެއްގައިވެސް އެއާޕޯޓެއް ތަރައްގީކުރުމަށް ރައީސްގެ ގަރާރުގައި ވެއެވެ.
މީގެ އިތުރުން މިހާރު މަސައްކަތް ފަށާފައިވާ އެއާޕޯޓުތައް ތަރައްގީކުރުމަށްވެސް އެ ގަރާރުގައިވާއިރު، އޭގެ ތެރޭގައި ހއ.މަކުނުދޫއާއި، ށ.ބިލެތްފއްސާއި، ރ.އަލިފުއްޓާއި، ބ.ތުޅާދޫއާއި، ތ.ވިލިފުއްޓާއި މ.މުލި ހިމެނެއެވެ. އެ އެއާޕޯޓުތައް ތަރައްގީކުރުމަށް އެންމެ މަދު އަދަކަށްވެސް ހަތަރު މިލިއަން ޑޮލަރު ހަރަދުވެއެވެ.
ތިނަދޫ ސިޓީއާއި ގއ.ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަށް ހަތް މިލިއަން ޑޮލަރު، ލ.ގަމުގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގަން ހަތް މިލިއަން ޑޮލަރު އަދި އައްޑޫގައި އައްސޭރި ޓޫރިޒަމް ހިންގަން 10 މިލިއަން ޑޮލަރު އިންވެސްޓުކުރުމަށްވެސް ރައީސް އިސްލާހު ކުރެއްވި ގަރާރުގައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވަނީ އެއާޕޯޓުތައް ތަރައްގީކުރުމުން ރަށްތަކުގެ އިގްތިސާދު ކުރިއަރައި ވަޒީފާއާއި އެހެންވެސް ގިނަ ފައިދާތައް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.