ފަސް އަހަރު ދުވަހުގެ ވެރިކަމެއް ކުރެއްވުމަކީ އިތުރުފުޅު ހެއްދެވުމަށް ލިބޭ ލައިސަންސެއް ނޫން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު މުސްތަފާ އިބްރާހީމްގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ދޫކުރި ގޯއްޗާއި ފުލެޓް، މި ސަރުކާރުން އޮޅުވާލާ ކަމަށްބުނެ އެމްޑީޕީން ދޮގު ހަދަނީ ދޮގު ކަމަށެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ދޫކުރި ގޯތި ލިސްޓަށާއި، ފުލެޓް ލިސްޓަށް ވެސް މި ސަރުކާރުން އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށެވެ.
”ފަސް އަހަރެއްގައި ރައީސްކަން ކުރުމުގެ ފުރުސަތު ލިބުމަކީ ހިތްފުޅަށް އަރާވަޑައިގަންނަވާހާ ގޮތަކަށް އިތުރުފުޅު ހެއްދެވުމަށް އޮތް ލައިސެންސެއް ނޫން.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުތަށް ވިދާޅުވީ ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން އެއަށްވުރެ އިހްލާސްތެރިވާން ޖެހޭނެ ކަމަށެވެ.
”ރައްޔިތުންގެ ކުރިމައްޗަށް އަރާވަޑައިގެން ވާހަކަދައްކާވާއިރު ތެދު ބަހުން ވާހަކަދައްކަވަންޖެހޭނީ. އޮޅުވާލެވިދާނެ. ދޮގުހެދިދާނެ“ ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެ، ކުރީގެ ސަރުކާރަށް ނުކުރެވި ހުރި ކަންކަން ކުރުމަށް މިފަހަރުގެ މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް ދިނުމަށް އެ ޕާޓީން ރައްޔިތުން ކައިރީގައި އެދެމުންދާ ކަމަށާއި މެޖޯރިޓީ އޮވެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުކުރެވުނު ބަޔަކަށް އިތުރު ފުރުސަތެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.