ދައުލަތުގެ އާމްދަނީ އިތުރުވަމުންދާވަރަކުން ހުރިހާ ދާއިރާއެއްގައިވެސް މަސައްކަތް ކުރައްވާ މުވައްޒަފުންގެ މުސާރަ މި ފަސް އަހަރުގެ ތެރޭގައި ބޮޑުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ ’ރައީސްގެ ޖަވާބު‘ ސިލްސިލާގައި ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅޭގޮތުން ފުވައްމުލައް ސިޓީއަށް ނިސްބަތްވާ އަލީ ޝަފީއު ދެންނެވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

އެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ ގައުމުގެ އިގްތިސާދު ހަރުދަނާވަމުންދާ މިންވަރަކުންނާއި ދައުލަތަށް އާމްދަނީ އިތުރުވާ މިންވަރަކުން މި ދައުރު ތެރޭގައި ހުރިހާ ސެކްޓަރއެއްގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ.

މިހާރުވެސް ބައެއް ދާއިރާތަކުގެ މުސާރަ ބޮޑުކޮށްދެއްވާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޕޭ ހާމަނައިޒްކުރެވިފައިވާކަމަށާއި ފުލުހުންނާއި ސިފައިންގެވެސް މުސާރަ ބޮޑުކޮށްދެއްވާފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އެފަދައިން މަސައްކަތް ކުރައްވާ އިގްތިސާދު ހަރުދަނާވަމުންދާ މިންވަރަކުން ހުރިހާ ދާއިރާއެއްގައިވެސް މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވަނީ އެ ވައުދު ފުއްދަވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށް ވިދާޅުވެފައެވެ.