ކުރީގެ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ސަރުކާރާ ހިލާފަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެއްވެސް ފައިސާއެއް ޗާޕް ނުކޮށް ކަމަށާއި، ރާއްޖޭގެ އިގްތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައިވެސް 120 މިލިއަން ރުފިޔާގެ ދަރަނި ވަގުތަށް ދައްކަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ.

Ads by Asuru

ދާންދޫ ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް މުހައްމަދު ފަޒީލްގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ކުރީ ސަރުކާރުން ރާއްޖޭގެ އިގްތިސާދު ވައްޓާލާފައި އޮތް އަނދަވަޅުން ނަގާ ކޮޅަށް ޖަހަންކަމަށެވެ. އަދި އިގްތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައިވެސް 120 މިލިއަން ރުފިޔާގެ ދަރަނި އެ ދައްކަން ހުރި ތާރީހުތަކުގައި ދައްކަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި މަހުގެ 19ގެ ނިޔަލަށް ދައްކަން އޮތް ބޭރުގެ ލޯނުވެސް ވާނީ ވަގުތަށް ދައްކާފައި ކަމަށެވެ.

ރައީސް ވިދާޅުވީ މުވައްޒަފުންގެ މުސާރަވެސް ބަރާބަރަށް ދެމުން މި އަންނަނީ ފައިސާ ޗާޕް ނުކޮށް ކަމަށެވެ. އަދި ކުންފުނިތަކަށް ހަވާލުކޮށްގެން މިދިޔަ ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ފަށާފައިހުރި މަޝްރޫއުތަކަށް ލާރި ނުދިނުމުގެ ސަބަބުން މަސައްކަތް ހުއްޓިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަޝްރޫއުތަކުގެ މަސައްކަތްތައް އަލުން ފަށަމުން އަންނަނީވެސް އެންމެ ފައިސާއެއްވެސް ޗާޕުނުކޮށް ކަމަށެވެ.

ރައީސް ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތަރުތީބުކޮށްގެން ކުންފުނިތަކަށް ލާރި ދީގެން ޕެންޑިންގައި ހުރި ބިލްތައް ދައްކާ ހަލާސްކުރަމުން ހުއްޓިފައި ހުރި މަޝްރޫއުތަކުގެ މަސައްކަތް މި ސަރުކާރުން ފަށަމުން އަންނަ ކަމަށެވެ.

ހުއްޓިފައިވާ މަޝްރޫއުތަކުގެ މަސައްކަތް އަލުން ފެށިގެން ކުރާ މަންޒަރު ބައެއް ރަށްތަކުން މިހާރުވެސް އެބަފެނޭ. ސްކޫލް މަޝްރޫއުތައް ހުއްޓިފައި ހުރި. ހެލްތު ސެންޓަރުތަކުގެ މަޝްރޫއުތައް ހުއްޓިފައި ހުރި. މި ހުރިހާ ކަމެއް އެދަނީ ފެށިގެން މިހާރު. މަލްޓި-ޕާޕަސް ހޯލްތައް. ސްޕޯޓްސް އެކިއެކި ފެސިލިޓީތައް. ބަނދަރުތައް. މަގު ހެދުން. ނަރުދަމާ. މިކަންކަން ހުރީ ހުއްޓިފައި. އެ މަޝްރޫއުތައް މިހާރު އެދަނީ ފެށިގެން.

ރައީސް ވިދާޅުވީ ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގައި ތެޔޮ ލިބޭނެ ގޮތެއް ނުވަތަ ތެޔޮ އެޅޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އެކަންކަންވެސް މި ސަރުކާރުން ހަމަޖައްސަވާ، އެމްޓީސީސީގެ މަޝްރޫއުތައް ފެށިގެންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ހުރިހާ މަސައްކަތެއްވެސް ކުރަމުން އަންނަނީ ފައިސާ ޗާޕްނުކޮށް ކަމަށާއި، ފައިސާ ޗާޕް ނުކުރުމުން ރައްޔިތުންނަށް ހިތްހަމަޖެހުމެއް ލިބި، އިގްތިސާދަށް ދިރުން އަންނާނެކަމުގެ އުއްމީދެއް ލިބިގެންދާކަމަށެވެ.

ރައީސް ވިދާޅުވީ ރަނގަޅު މިސްރާބުން މަސައްކަތްތައް ގެންދަނީ މި ސަރުކާރުން ކަމަށާއި މި މިސްރާބުން މަސައްކަތްތައް ގެންދިއުމުން ރައްޔިތުން ބާރުވެރިވެ އަދި ރައްޔިތުން ފުދުންތެރިވެ ދިވެހި ގައުމަށް އާރޯކަން އަންނަ ކަމަށެވެ.

އަދި މީގެ ސަބަބުން ދިވެހިރާއްޖެއަށް އިންވެސްޓް ކުރާނެ ފަރާތްތަކަށް ކޮންފިޑެންސް ލިބޭތީ އިދިކޮޅު ފަރާތްތަކަށް ހަޖަމް ނުވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގައުމުގެ މިސްރާބު ކައްސުވާލަން އެމްޑީޕީން ކުރަމުން އަންނަ މަސައްކަތްތަކަށް އިޖާބަ ނުދިނުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.