ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހީން އަމިއްލައަށް ބަލަހައްޓާ ގޮތަށް ނިންމަވައި އެކަން އަމަލީ ގޮތުން ފެއްޓެވުމަކީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީން ކަނޑައެޅުއްވި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެންސްޕާގެ ސީއީއޯގެ މަގާމުގައި ވެސް ހުންނެވި ހީނާ މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި 24 ގަޑިއިރު، ދިވެހި އަސްކަރިއްޔާ އިން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބަލަހައްޓަން ފެއްޓެވުން ސިފަ ކުރެއްވީ، މި ވެރިކަމުގެ އެންމެ ހަތަރު މަސް ދުވަހުގެ ތެރޭގައި ހޯދުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.

”ހަމައެއާއެކީގައި، މި ސަރުކާރު އައިތާ، ފުރަތަމަ 100 ދުވަހުގެ ތެރޭގައި، މިވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފު ކުރައްވާފައި. މިކަމަކީ ހަގީގަތުގަ، ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް އުފުލަންޖެހޭ ބަލި މީހުން އުފުލުމުގައި، ކުރިން ދިމާވި ދަތިތަކަށް، ވަރަށް ބޮޑު، ވަރަށް ފަސޭހަ ލުއިތަކެއް، ލިބިގެންދިޔަ ކަމެއްކަން ފާހަގަކޮށްލަން.“ ހީނާ، މި ސަރުކާރުގެ އިތުރު ކާމިޔާބީތައް ފާހަގަ ކުރައްވަމުން ވިދާޅުވިއެވެ.

މި ސަރުކާރުން މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ހީނާ ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވުމުން، އެތައް ރަށެއްގައި ވަރަށް ގިނަ މަޝްރޫއުތަކެއް އޭރުގެ އެމްޑީޕީގެ ސަރުކާރުން ފެށި ކަމަށާއި، އެ ޕޮޖެކްޓުތައް ފެށީ ބަލަންވާ ވަރަށް ނުބަލައި، ރައްޔިތުން ބޭނުންވާ ގޮތެއް ވެސް ބެލުމެއް ނެތި ކަމަށް ވިދާޅުވިއެވެ.