ޕީޕީއެމް މަގުމަތި ކުރަން އުޅުނު ވާހަކަ ދައްކަނީ ކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ނުސީދާކޮށް ފާޑުވިދާޅުވެ ކުރެއްވި ޕޯސްޓެއްގައެވެ.
މި ފަހަރުގެ މަޖިލީހުގެ އިންތިހާބުގައި ލ.ފޮނަދޫ ދާއިރާއަށް ވާދަ ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުޙައްމަދުމުޢިއްޒު ނުވަތަ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން އީސީއަށް ފޯމް ހުށަހެޅުއްވީ ހަތް އޯގަސްޓް 2023 ގައި ކަމަށާއި، ރައީސް ޔާމީން ސޮއި ކުރައްވާ، އެމަނިކުފާނުގެ ގާނޫނީ ޓީމު ފޮނުއްވައިގެން އިސް ވަކީލު ދެ ޕާޓީގެ ސެނެޓަށް އިއްވެވި ނޯޓަކުން އިންތިހާބު ބޮއިކޮޓް ކުރަން އެންގެވީ ވެސް ހައެއް އޯގަސްޓް 2023 ގައި ކަމަށެވެ. އަދި ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް ސްޕްރީމް ކޯޓުން ޙުކުމް ކުރީވެސް 6 އޯގަސްޓް 2023ގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
”ޕީއެންސީ އިން ރިޔާސީ ކެނޑިޑޭޓަކު ދައްކަން އެންގެވި އެންގެވުމަކީ އިޚްލާޞްތެރި ނިޔަތެއް އޮވެގެން އެންގެވި އެންގެވުމެއް ނަމަ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ އިން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އެންގެވުމުގެ ބޭނުމަކީ ކޮބައިތޯ؟“ އަބްދުއްރަހީމް ސުވާލު އުފެއްދެވިއެވެ.
ޕީޕީއެމް އަށް ދިރުން ލިބެން ބޭނުންވި ނަމަ ވަގުތު އޮއްވާ ޕީޕީއެމް އިން ރިޔާސީ ކެންޑިޑޭޓަކު ދައްކަން އިރުޝާދު ނުދެއްވީ ކީއްވެގެންތޯ ވެސް އަބްދުއްރަހީމް ސުވާލު ކުރެއްވިއެވެ.
”މި ހަގީގަތްތައް މިހެން ހުރީމަ މަގުމަތިކުރަން
އުޅުނު ވާހަކަ މި ދައްކަނީ ރައްޔިތުންނަށް ކަން ހިގައި ދިޔަގޮތް އޮޅުންފިލުވައި ދިނުމަށްޓަކައި.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުޙައްމަދުމުޢިއްޒު(މިހާރުގެ ރައީސުލްޖުމްހޫރިއްޔާ)ރިޔާސީ އިންތިޚާބުގައި ވާދަ ކުރަށްވަން އީސީއަށް ފޯރމް ހުށަހެޅުއްވީ 7 އޯގަސްޓް 2023 ގައި.ރައީސް ޔާމީން ސޮއި ކުރައްވާ،އެ މަނިކުފާނުގެ ގާނޫނީ ޓީމު ފޮނުއްވައިގެން އިސް ވަކީލު 2 ޕާޓީގެ ސެނެޓަށް އިއްވެވި… pic.twitter.com/MeApLDXL0N
— Abdul Raheem Abdulla (@Banafsaa) April 1, 2024
އަބްދުއްރަހީމް ވިދާޅުވިއިރު، ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕަށް ތުހުމަތުތަކެއް ކުރައްވައި ވިދާޅުވީ އެ ބޭފުޅުން ބޭނުންފުޅުވެލެއްވީ އެމަނިކުފާނު ޖަލުގައި ބާއްވައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ކަމަށާއި، އިންތިހާބު ބޮއިކޮޓް ކުރިނަމަ، އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތީސް ކަމަށެވެ.