ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށާއި، އެ އެއްބާރުލުން ހޯދައިދިނުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީީސް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދޭނެކަމުގެ ކިހާވަރެއްގެ ޔަގީންކަމެއް އޮތްތޯ، އާއްމު ރައްޔިތަކު ”ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ކަން އޮތްގޮތުން، މަޖިލީހުގެ އެއްބާރުލުން ނެތި، ވެރިޔަކަށް ވައުދުތައް އެންމެ ފުރިހަމައަށް ފުއްދުމަކީ ވަރަށް ދަތި ކަމަކަށް ވާނެ ކަމަށެވެ.

ވެރިކަން ލިބިވަޑައިގެންފިނަމަ، ކުރައްވަވާނެ ކަންތައްތަކެއް ބަޔާން ކުރައްވައި، އެމަނިކުފާނު ވައުދުތަކެއް ވެވަޑައިގަތީ ވައުދުތައް ފުއްދޭނެ ކަމާއި، އެކަން ކުރެވޭނެ ގޮތް ވެސް އެނގިވަޑައިގަންނަވާތީ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

”އެހެންވީމަ، މިކަންކަން މި 14 ހަފްތާ ނިމުނުއިރުގަ ވެސް، ފާހަގަވެވަޑައިގަންނަވާނެ، 14 ހަފްތާއަށް ކަނޑައެޅި ވައުދުތައް އެ ވަނީ ގާތްގަނޑަކަށް ހަމަ 100 ޕަސެންޓް ފުއްދިފަ. 97 ޕަދންޓް ވަރު އަޅުގަނޑުމެންނަށް ފުއްދުނު ހުރިހާ ވައުދެއް.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގިނަ ވައުދުތައް ފުއްދުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވީ ބޯހޮޔާވަހިކަމުގެ ދާއިރާއާއި އުމްރާނީ ތަރައްގީގެ ދާއިރާ އިން ހަދަން ޖެހޭ ގާނޫނުތައް ހުރި ކަމެވެ.

”އަދި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ދާއިރާއަށް ވަރަށް މުހިންމު، ލެޖިސްލޭޓިވް އެޖެންޑާއެއް އެބައޮތް.“ އެމަނިކުފާނު ވިދާޅުވިއެވެ.

ވައުދުތަކުގެ އެންމެ ބޮޑު އިންސައްތައެއް ކަވަރު ކުރަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދޭ ބަޖެޓުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމަށް ފުރިހަމަ ބާރު އޮންނަނީ މަޖިލީހަށް ކަމަށެވެ.

މި އަހަރުގެ ބަޖެޓު ފާސްކުރިއިރު ވެސް، މި ސަރުކާރުން ބަޖެޓުގައި ހިމަނަން ބޭނުންވާ މަޝްރޫއުތައް ހިމަނާފައި ފޮނުވުމުން ވެސް އޭގެ ތެރެއިން އެތައް މަޝްރޫއުއެއްގެ އަދަދުތައް ވަރަށް ބޮޑަށް ކުޑަކޮށްލާފައި ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”އަދި ބައެއް މަޝްރޫއުތައް އެއްކޮށް އުނިކޮށްލާފަ، ބަޖެޓު ފާސްކުރީ.“

އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ބަޖެޓު ފާސްކުރުމުގައި، މިހާރު ހިނގަ ހިނގައި ހުރި މަޝްރޫއުތަކަށް ވަރަށް ބޮޑަށް ދަތިވާނެ ގޮތަށް އަމަލުކޮށްފައިވާ ކަމަށާއި، މަޝްރޫއުތައް ނިންމަން ބޭނުންވާ ވަރަށް ބަޖެޓުގައި ފައިސާ ހިމަނާފައި ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

 

ި