ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ގޮތުގައި ބިންހިއްކަމުންގެންދާ ސަރަހައްދުތަކުގައި އަޅާފައި ހުރި އުޅަނދުތައް ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

Ads by Asuru

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ގޮތުގައި ބިން ހިއްކަމުންގެންދާ ސަރަހައްދުގެ ސައިޓް ބީގެ މަސައްކަތްތަކަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް ބޭނުންވާކަމަށެވެ. އެގޮތުން އެ ކޯޕަރޭޝަނުން އެކުލަވާލާފައިވާ ޗާޓާ އެއްގޮތަށް އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް 4 އެޕްރީލް 2024 ގެ 00:00ގެ ކުރިން ނެގުމަށް ވަނީ އަންގާފައެވެ.

އެޗްޑީސީން ބުނީ ބިން ހިއްކުމުގެ މަސައްކަތާ ގުޅިގެން ނަގާ އުޅަނދުތައް އެ ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށެވެ.

އެޗްޑީސީގެ އިއުލާނުގައި ވަނީ މި މަސައްކަތުގައި އާންމު ރައްޔިތުންނާއި އުޅަނދުތައް ގެންގުޅުއްވާ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް ޝުކުރުވެސް އަދާކުރައްވާފައެވެ.

މި މަޝްރޫއަކީ ނިމިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުން މާލޭ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތައް ދިނުމަށް އިތުރު ބިން ހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ގޮތުގައި 63 ހެކްޓަރުގެ ބިން އިތުރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށީ ސެޕްޓެމްބަރު މަހުގެ 22ވަނަ ދުވަހެވެ.