މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަތުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮވެ އެ ސަރުކާރަށް ނުކުރެވުނު އެތައް ކަމެއް މި ސަރުކާރުގެ ހަތަރު މަސްދުވަހުގެ ތެރޭގައި ކޮށްފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ކިނބިދޫ ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަލީ އަޝްރަގްގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު އެމްޑީޕީއަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދީގެންވެސް ގައުމަށް ގެނެސްދެވުނު ތަރައްގީއެއް ނެތް ކަމަށެވެ.

ރައީސް ވިދާޅުވީ މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް ތެރެއިން ސަރުކާރަށް ކުރިމަތިކުރަމުން ދިޔަ ހުރަސްތަކުގެ ތެރެއިން ވެސް ރައްޔިތުންނަށްޓަކާ ގިނަ ކަންތައްތަކެއް މި ސަރުކާރުން ކޮށްދީފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އެމްޑީޕީ ސަރުކާރާއި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮވެވެސް އެ ސަރުކާރަށް ނުކުރެވުނު އެތައް ކަމެއް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ބޮޑެތި ކަންކަމުން ގޮސް ގައުމީ ސަލާމަތާ ގުޅޭ ކަންކަން. ގައުމީ މިނިވަންކަމާއި އިސްތިގުލާލާއި ގުޅޭ މުހިންމު ކަންކަން. އިގްތިސާދީ ގޮތުން ގައުމުގެ ހާލަތު އޮތް އަނދަވަޅުން ނަގާ ކޮޅަށް ޖެހުމަށްޓަކައި ކުރެވޭ މަސައްކަތް. އިޖްތިމާއީ ގޮތުން ރައްޔިތުންނަށް މުހިންމުވެފައިވާ އެތައް ކަމެއް ކުރުމަށްޓަކައި މިކުރެވޭ އެތައް މަސައްކަތްތައް. މިއީ ނަތީޖާ. މި ނަތީޖާ ނޫން އެހެން އެއްޗެއް ރައްޔިތުންނަކަށް މުހިންމެއް ނުވޭ.

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އެމީހުންގެ ދިރިއުޅުގެ ހާލަތު ރަނގަޅުވެ، މުއްސަނދި ފުދުންތެރި ބަޔަކަށް ވުމަށް ކަމަށާއި، އެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދޭނެ ސަރުކާރަކީ މި ސަރުކާރު ކަމަށެވެ. އަދި މި ނަތީޖާ ނެރުމަށްޓަކައި މަޖިލީހުގެ ތެރެއިން ކަންތައްތައް ކުރަންހުރިއިރު، ސަރުކާރުގެ މަސައްކަތްތަކަށް އެއްބާރުލުން ދޭނެ މެމްބަރުންތަކެއް މަޖިލީހުގައި ތިބުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ނަތީޖާ ނެރުމަށްޓަކައި އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.