ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 12 އަހަރަށް ދަށް ކުރުމަށް ވިސްނާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާާން ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިކަން ހާމަކުރެއްވީ، ކުޑަކުދިން ގަނާއިން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޓާސްކްފޯހުން އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިފަދަ ނިންމުމެއް ނިންމެވިއިރު، އ.އ ރަސްދޫގައި އުމުރުން 13 އަހަރުގެ ކުއްޖަކަށް ގަނާކޮށް އަނިޔާކުރި މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ. މި މައްސަލައިގައި ހިމެނެނީ އުމުރުން 13 އަދި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ.

މިކަމުގައި ޝާމިލުވާ ކުދިންނަށް އަދަބު ދޭން އާއްމުން ދަނީ ގޮވާލަމުންނެވެ.

މިރޭގެ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ކުޑަކުދިންގެ ތެރެއިން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިންނާ މެދު ފިޔަވަޅު އެޅުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަދުލުގެ ގާނޫނުގެ ދަށުން ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 15 އަހަރު ކަމުގައި ކަނޑައަޅާފައި އޮތް އޮތުން ކަމަށެވެ.

ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެ ކަމަށް ބެލެވޭ 200 އެއްހާ ކުދިން ފާހަގަކުރެވިފައިވާއިރު، އޭގެ ތެރޭގައި ގިނައީ 12 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރެއިން ކޯޓުން އަމުރު ހޯދުމުގައި ހުރި ގޮންޖެހުންތަކަށް ވެސް ހައްލު ލިބިގެންދާނެ ކަމަށާއި އެގޮތުން، ކުޑަކުއްޖަކު ޑިޓެންޝަން ސެންޓަރަކަށް ގެންދަންޖެހޭ ހާލަތްތަކުގައި ކޯޓުން އަމުރު ހޯދަން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް ވަކި ކޯޓެއް ހާމަކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވި ގޮތުގައި މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް މީގެ ކުރިން މަސައްކަތްކޮށްފައި ނުވެއެވެ.