ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިން އިންތިހާބުގައި ބޭނުންކުރަންފެށި ”ދިވެހީންގެރާއްޖެ“ ޝިއާރަކީ ރީއްޗަކަށް ކީ ނަމެއް ނޫންކަމަށާއި އޭގައި ވަރަށް ފުން މާނަތަކެއް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެސްއެސްޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ދިވެހި ގައުމު އޮތީ އަމިއްލަ ބާރު ގެއްލި، އަމިއްލަ ވަންތަކަން ގެއްލިފައިކަމަށާއި ރައްޔިތުން އެމަނިކުފާނާ ވެރިކަން ހަވާލުކުރެއްވީ އެކަންތައްތައް އިސްލާހުކޮށް ދިވެހީންގެރާއްޖެ ދިވެހީންނަށް އަނބުރާ ހޯދައިދިނުމުގެ މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ މުޅިން އެހެން މިސްރާބަށް ކަސިޔާރުވެގެން ގޮސްފައި ކަމަށާއި ދިވެހިންގެ ކަންކަން ނިންމުމުގައި އެހެން ބޭރު ފަރާތްތަކުގެ ނުފޫޒު އޮތީ ވަރަށް ބޮޑަށް ބޮޑުވެފައި ކަމަށެވެ. އަދި ދިވެހީންގެރާއްޖޭގެ ޝިއާރަކީ ދިވެހިންގެ އަމިއްލަވަންތަ ރާއްޖެއަކަށް އަނބުރާ ގައުމު ހެދުމަށް ހެދި ޝިއާރެއް ކަމަށާއި ރައްޔިތުން އެޝިއާރު ބަލައިގަތީ އެ ސަބަބުތަކަށްޓަކާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ޝިއާރަކީ ވަރަށް ފުޅާ ޝިއާރެއް. އޭގައި ހިމެނެނީ ހުރިހާ މާނައެއްގައިވެސް ދިވެހީންގެރާއްޖެއަކަށް ރާއްޖެ ހެދުމަށް. މާނައަކީ އިގްތިސާދީ ގޮތުންވެސް އަދި ދެންހުރި ހުރިހާ ދާއިރާއިންވެސް. އެހެންވީމާ ފުރަތަމަ ދުވަހުންވެސް ފެށީ އެ މަސައްކަތް. އަޅުގަނޑާ ހަވާލުކުރި ޒިންމާ އަދާކުރުމުގެ މަސައްކަތް.

ރައީސް ވިދާޅުވީ ރައްޔިތުން ނިންމެވީ ދިވެހީންގެރާއްޖޭގައި އިގްތިސޯދު އޮންނަންވާނީ ދިވެހީންގެ އަތްމަތީގައި ކަމަށާއި އެމަނިކުފާނު ގަބޫލުކުރައްވާ ހަމައަކީވެސް އެއީ ކަމަށެވެ. ރައީސް ވިދާޅުވީ ފައިސާ ޗާޕް ކުރުން ހުއްޓާލުމަކީ ދިވެހީންގެރާއްޖެއެއް ހޯދައިދިނުމަށް ކުރެއްވި ފުރަތަމަ މަސައްކަތް ކަމަށެވެ. އަދި ފައިސާގެ އަގު ހިފަހައްޓަން މަސައްކަތް ކޮށްގެން ނޫނީ އިގްތިސާދީ ގޮތުން ގައުމު ހަމައަކަށް ނޭޅޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުއްޓިފައި ހުރި މަޝްރޫއުތަކާއި އިގްތިސާދީ މަސައްކަތްތައް އަވަސްކުރުމަށް އާ ދޮރުތައް ހުޅުވުމަށްޓަކައި ސްޕެޝަލް އިކޮނޮމިޒް ޒޯންތައް ގާއިމްކުރުމަށް ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތައް ފެށުމަކީވެސް ދިވެހީންގެރާއްޖޭގެ ޝިއާރުގެ ދަށުން ފެއްޓެވި މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި މުޅިން އަލަށް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ހެދޭ ގޮތަށް އޮތޯރިޓީއެއް އުފައްދުމާއެކު ގައުމުގެ އިގްތިސާދު ހުޅުވާލުމުގެ މަސައްކަތް ފެށިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމާއެކު އީ-ވޮލެޓް ތައާރަފްކުރުމާއި ޕޭމަންޓް ގޭޓްވޭ ފުރިހަމަ ކުރުމުގެ މަސައްކަތްތަކަކީވެސް ދިވެހިންނަށްޓަކާ ކޮށްދެއްވާ މަސައްކަތްތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި މި އަހަރުގެ ތެރޭގައި ޕޭޕަލްވެސް ރާއްޖެއަށް ތައާރަފްކުރެވިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ރައީސް ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީއެއް ގާއިމްކޮށް ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން މިފަދަ މަސައްކަތްތައް ކުރަމުން އަންނަނީ އަމިއްލަވަންތަ އިގްތިސާދެއް ގައުމުގައި ގާއިމްކުރުމަށްޓަކައި ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހީންގެ އަތް މަތީގައި ކަންކަން ބައްޓަންކޮށް، ބޭރަށް ކުރާ ހަރަދުތައް ކުޑަކުރުމަށްވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން ތެލަށް ކުރާ ހަރަދު ކުޑަކުރުމަށްޓަކައި ބަންކަރިންގެ ހިދުމަތް ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރިނިއުބަލް އެނާޖީއަށް ކުރާ އިންވެސްޓްމަންޓް %33 ހާސިލުވުމުންވެސް ބޭރަށް ކުރާ ތެޔޮ ހަރަދު ކުޑަކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ އެތައް މަސައްކަތެއް ފެށުމުގެ ބިންގާ އެޅިފައިވާކަމަށާއި މިކަމުގައި ކުރިއަށްދިއުމަށް ރައްޔިތުންގެ ފަރާތުން ބޭނުންވާ އެއްބާރުލުން ސަރުކާރަށް ދެއްވާނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މިކަންތައްތަކުގެ ފޮނި ނަތީޖާ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.