އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގައި ތިއްބެވީ ހިނގާފައި ދާއިރުވެސް މިސްރާބަށް ނުދެވޭ ބައެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ސައީދު މިހެން ވިދާޅުވީ އެމްޑީޕީން ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ބޭނުންކުރާ ”މިސްރާބު ހަމަ މަގަށް“ ޝިއާރަށް ފާޑުވިދާޑުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހަށް ހޯރަފުށި ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަލީ މޫސާގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ހިނގާފަ ދާއިރުވެސް މިސްރާބަކަށް ނުދެވޭ ބައެއް، މިސްރާބު ހަމަ މަގަށޭ ކިޔާފަ ވާހަކަދެއްކެވުމަކީ ހޯރަފުށި ދާއިރާގެ ރައްޔިތުންނަށް ކަމުދާނެ ކަމެއް ނޫންކަމަށެވެ.

ސައީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންތައް ފިލާފައިވަނީ ރަށްރަށުގެ ރައްޔިތުން ލައްވާ މަސައްކަތްތައް ކުރެއްވުމަށްފަހު އެ މަސައްކަތްތަކަށް ވާ ފައިސާ ނުދީކަމަށެވެ. ސައީދު ވިދާޅުވީ މިފަދަ އެތައް މައްސަލައެއް އެކި ރަށްރަށުން މި ސަރުކާރަށް ކުރިމަތިވެފައި އެބަހުރިކަމަށާއި މީގެން ދޭހަވަނީ އެ ޕާޓީގެ މިސްރާބު ހަމަ މަގަށް އެޅިފައި ހުރި މިންވަރު ކަމަށެވެ.

ސައީދު ވިދާޅުވީ ވެރިކަމުން ފައިބައިވަޑައިގެންނެވި އިރު ރައީސް ސޯލިހަށް ހަމަ މަގަށް ހިނގާ ނުލެވޭ ކަމަށާއި ރައްޔިތުން ސަރުކާރު ބަދަލުކުރީ ކަންކަން ނުނިމިގޮސް މިސްރާބުން ނެއްޓިގެން ދިއުމުން ކަމަށެވެ. އަދި މި ސަރުކާރުގެ އެންމެ ހަތަރު މަސް ދުވަހުގެ ތެރޭގައި ނަތީޖާ ނެރެދެއްވާފައިވާކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ދިފާއުކުރުމަށްޓަކައި ރައްޔިތުން ސާބިތުކަމާއެކު ކުރިއަށްދާނެ ކަމަށެވެ.

ސައީދު ވިދާޅުވީ ހޯރަފުށީގެ ވިޔަފާރިވެރިންނާއި މި ސަރުކާރުން ބައްދަލުކުރައްވާފައިވާނެ ކަމަށާއި އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވިދާޅުވީ އެމްޑީޕީ ސަރުކާރުން އެބޭފުޅުންނަށް ކަނޑައެޅިގެން ކުރެއްވީ ޖެއްސުން ކަމަށެވެ. އެގޮތުން ރަށުގައި ގެސްޓް ހައުސްއެއް ހެދުމާއި ވިޔަފާރިއެއް ކުރުމުގެ ފުރުސަތު އެމްޑީޕީ ސަރުކާރުން ނުދެއްވާކަން ވިޔަފާރިވެރިން ފާހަގަކުރެއްވިކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނާއި ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ދިމާވެފައި ހުރި ދަތިތައް ހައްލުކުރާނީ މި ސަރުކާރުން ކަމަށާއި ވަރަށް ބާރު ސްޕީޑުގައި އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުންނަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ކޮންމެ ވައުދެއް ފުއްދަވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ސައީދު ވިދާޅުވިއެވެ.