މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުތައް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަލީ މޫސާ ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ވިދާޅުވީ، މަޖިލީހަށް ހޮވިވަޑައިގެންފިނަމަ ސަރުކާރުގެ ވައުދުތައް ފުއްދުމަށް ފުރިހަމަ އެއްބާރުލުން ދެއްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ފުއްދުމަށް އެހީތެރިވެދެއްވާނެ ކަމަށެވެ.

ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ދާއިރާގެ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގައި ސާބިތުވެ ހުންނަވާނެކަން ފާހަގަކުރައްވާ މޫސާ ވިދާޅުވީ ސަރުކާރާއި ގުޅިގެން ހޯރަފުއްޓާއި އުލިގަމު އަދި ތުރާކުނަށް ތަރައްގީ ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި މަޖިލީހުގައި ހިދުމަތްކުރުމުގެ ފުރުސަތު ލިބިއްޖެނަމަ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދާއިރާގެ ރައްޔިތުންނަށް އުފަލާއި ހިތްހަމަޖެހުމާއެކު ދާއިރާގައި އުޅެވޭނެ ނިޒާމެއް ގާއިމްކޮށްދިނުމަށް ކަމަށް މޫސާ ވިދާޅުވިއެވެ.

ޒުވާނުންނާއި ކަނބަލުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް. ދާއިރާގެ ތައުލީމީ ހާލަތާއި އަދި ސިއްހީ ހާލަތު އިތުރަށް ތަރައްގީކޮށް ކުރިއަށްގެންދިއުމަށް. ކުށްމަދު އަމާން ވެއްޓެއް ގާއިމްކުރުމަށް.

މޫސާ ވިދާޅުވީ ތަރައްގީއާއި ކުރިއެރުމަށްޓަކައި އެންމެ މުހިންމު ކަމަކީ އިގްތިސާދީ ފުދުންތެރިކަން އޮތުން ކަމަށެވެ.

މި ސަރުކާރުން މިހާރުވެސް ދާއިރާގެ އިގްތިސާދީ ތަރައްގީއަށްޓަކައި ޕްރޮގްރާމްތަކެއް ފަށާފައިވާކަން ފާހަގަކުރައްވާ މޫސާ ވިދާޅުވީ އެ ޕްރޮގްރާމްތަކުގެ ހެޔޮ ނަތީޖާ މުސްތަގުބަލުގައި ފެނިގެންދާނެ ކަމަށާއި އެއީ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މޫސާ ވަނީ ހޯރަފުށި ދައިރާގެ ގޮނޑި ސަރުކާރަށް ހޯދައިދިނުމުގައި ގަދައަޅާ މަސައްކަތް ކުރެއްވުމަށް ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.