ހދ.ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް މި މަހުގެ ކަރަންޓު ބިލުން 50 އިންސައްތަގެ ޑިސްކައުންޓެއް ދޭން ނިންމައިފިއެވެ.

Ads by Asuru

ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުޅުދުއްފުށީގައި މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ލިބުމުގައި މި ރޯދަމަހު ދިމާވި ގިނަ ގޮންޖެހުންތަކަށް އެ ކުންފުނިން މައާފަށް އެދޭ ކަމަށެވެ.

އަދި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މިހާރުވެސް އާ ޖެންސެޓެއް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެއިން ވަގުތީ ހައްލެއް ލިބިގެންދާނެކަން ފާހަގަކޮށް ފެނަކައިން ބުނީ، މި ނިމިގެންދާ ރަމަޟާންމަހު ކަރަންޓުގެ ހިދުމަތް ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ލޮބުވެތި ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކަކީ އެ ކުންފުނިން ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމަކަށްވާތީ، އެކަމުގެ ފުރިހަމަ ޒިންމާ ނެގުމުގެ ގޮތުން، ކުޅުދުއްފުށީގެ ރައްޔިތުންނަށް މި ހިނގާ އޭޕްރިލް މަހުގެ ކަރަންޓް ބިލުން 50 ޕަސެންޓް ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ މިދިޔަ ފަސް އަހަރު ބޮޑެތި އިހުމާލުތަކެއް ވެފައިވުމުގެ ސަބަބުން އެތައް ރަށެއްގެ ކަރަންޓަށް ދިމާވަމުންދާ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެ ކުންފުނިން ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.