ދިވެއްސަކަށްވީތީ އެންމެ ފަހުރުވެރިވާންވީ އިސްލާމް ދީނުގެ ނިއުމަތް ދެއްވާފައިވާތީކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ސިޓީތަކާއި ވެރިކަންކުރާ ރަށްތައް ފިތުރު އީދަށް ދިއްލަން ފެށުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިންނަކީ އިސްލާމް ދީނަށް ނަސްރުދޭ އަދި އިސްލާމް ދީން ކުރިއެރުވުމުގައި ފަހުރުވެރިވާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ކުދިބޮޑު ހުރިހާ އެންމެނާއި ޒުވާނުންނަށް އިސްލާމް ދީނުގެ މުހިންމުކަން އިހުސާސްވާން ކަމަށެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު މި ގައުމުގައި އީދު ދުވަސް އަންނާތީ ކުރިއާލާ އިންތިޒާރުކޮށް އީދު ދުވަހަށްޓަކާ ތައްޔާރުވާއިރު އީދުގެ އުފަލުގައި ފުރިހަމައަށް ދީނީ ހަމަތަކުގެ މަތިން ބައިވެރިވެ އުފާ ފާޅުކުރަން ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސިޓީތަކާއި ވެރިކަންކުރާ ރަށްތައް ފިތުރު އީދަށް ދިއްލަން ނިންމީ އެ އުފަލުގައި ދިވެހިން ބައިވެރިކުރުވުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދެން އަންނަ އަހަރު މިއަށްވުރެ ގިނަ ރަށްތަކުގައި އީދުގެ ދިއްލުންތައް ދިއްލޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބައެއް ރަށްތަކުގައި އީދު ލައިޓު ހަރުކޮށްދިނުމަށް މިހާރުވެސް ރިކުއެސްޓް އަންނަ ކަމަށާއި ސަރުކާރުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން އަންނަ އަހަރަށް އަދި އަޟްހާ އީދަށް އީދުގެ ދިއްލުންތައް ގިނަ ކުރައްވާނެ ކަމަށެވެ.

ކުޑަކުދިންނާއި އާއިލާތައް އީދުގެ އުފަލުގައި ބައިވެރިވެ، އެންމެ ފުރިހަމަ ގޮތުގައި އީދު ފާހަގަކުރެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.